ތާރީޚުގެ ތެރެއިން: އޭދަފުށީގެ ތައުލީމީ ދުވެލި -1

327933_10150351080051206_605326205_10213621_3390157_o.jpg

އޭދަފުށި: 1979

(ރިޕޯޓް: ގައްޔޫމް ނަސީރު)

މީލާދީ ސަނަތުން 1900ގެ އަހަރުތަކާ ކުރިމަތި ލީއިރުވެސް ރާއްޖެތެރޭގެ އެހެން ރަށްރަށެކޭ އެއްފަދައިން އޭދަފުށިވެސް އޮތީ އިލްމީގޮތުން ކަނު އަދިރީގައެވެ. މަދަރުސާއެއް ނުހުރެއެވެ. ގޭގެ ވޮށުއަލި ކަމުގައި ރޭގަނޑު އެ ލިބޭ ފުޅިބައްތިއާއި ބޯރުދޫ ބައްތީގެ ފަނޑުއަލިކަން ފަދައިން މުޅި ގައުމުގައި އޮތް ޖަހާލަތުގެ އަދިރިކަމާ ގުޅިފައެވެ. ޚުރާފާތާއި ބިދުޢަ އާއި ބުޑިސްޓުންގެ ފުށުން ވާރުތަ ވެގެން އައި ލާދީނީ އަމަލުތަކަކީ ދީނުގެ ނަމުގައި ކުރެވޭ އަޅުކަން ކަމުގައި ދެކެއެވެ. ޒިޔާރަތް ޒިޔާރަތަށް ނަދުރު ބުނުމާއި މަރުވެފައި ތިބޭ މީހުންގެ ކިބައިން އެހީއަށް އެދުން ފަދަ ޚުރާފާތްތައް އޮތީ ޢާއްމު ވެފައެވެ.

ދަރިންނަށް ކިޔަވައިދިނުމުގެ ބަދަލުގައި މައިންބަފައިން ބޭނުން ވެފައި އޮންނަނީ މަސައްކަތްތެރި މަސްވެރި ޖާނުން ވަރުގަދަ ދަރިންތަކެއް ބޮޑެތި ކުރެވޭތޯ އެވެ. މުސްލިމުންނަށް ވީތީ ގުރުއާން ކިޔަވައި ދިނުމަށް ކޮންމެ ރަށެއްގައިވެސް އިނގިލިކުރިން ގުނާލެވޭހައި މަދުން ހުންނަ އެދުރުގެ އަކަށް ފޮނުވައެވެ. ނަމާދުކުރުމާއި ރޯދަ ހިފާނެގޮތް ދަސްކޮށްދެވޭތޯ އުޅެއެވެ. އެހިސާބުން އެހެރީ ކިޔަވައި ނިމިފަ އެވެ.

އޭދަފުށީގެ ފުރަތަމަ މަދަރުސާ

ކުދިންކޮޅެއް އެއްތަނަކަށް އެއްވެ އެތަނަށް ގޮސް މަދަރުސާއެއްގެ ސިފަޖެހޭ ކަހަލަ ގޮތަކަށް އޭދަފުށި ފެނުނު ފުރަތަމަ ތަނަކީ އޭދަފުށީ ރޯޝަނީ މަގުގައި، އިރުދޭމާގެ ކުރިމަތީގައި ކަމަށް އޭދަފުށީ ތާރީޚު ދިރާސާ ކުރައްވާ އޭދަފުށީ ޖަވާހިރުމާގޭ އަބްދުﷲ އަހުމަދު ވިދާޅުވެއެވެ. ވަރަށް އާދައިގެ ގޮތަކަށް ދަނޑިފަނުން ހަދާފައި ހުރި ކުޑަކުޑަ އިމާރާތެއްގައި ކިޔަވައިދެމުން ގެންދިޔައީ ހަމައެކަނި ޤުރުއާން ކަމަށް އަބްދުﷲ ވިދާޅުވި އެވެ. މުދައްރިސަކީ މަލިން އަލިފުޅެވެ. ފޮތެއް ފަންސުރެއް ނުގެންގުޅެއެވެ. އަކުރު އަންގައިދިނުމަށާއި ކިޔެވުމަށް ބޭނުން ކުރަމުން އައީ މަހާނަ ގަލެއްގެ ސިފައިގާ ލަކުޑިން ހަދާފައި އޮންނަ ފިލައެކެވެ. އެފިލާ ބާއްވަނީ އުގުގަ އެވެ. ވޮށުފިލާ ވެސް ބޭނުން ކުރެއެވެ. ތަންކޮޅެއް ފަހުން އަރަބިތާނަ ލިޔަން ދަސްކޮށްދޭން ފެށިއެވެ.

1940ގެ ފަހުގެ އަހަރުތަކާ ހަމައަށް ވެސް ކަން ހިނގަމުން އައީ މިމަގަށް ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އޭދަފުށީގެ ތައުލ؛މީ ދާއިރާގައި އަދި ވެރިކަމުގެ ދާއިރާގައި އުމުރުގެ ގިނަދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު ރިޓަޔަރ ކުރައްވާފައިވާ އޭދަފުށީ އޯކިޑްވިލާ އަބްދުއަބްދުއްރައްޒާގު މުހައްމަދު ވިދާޅުވި ގޮތުގައި އޭރު ކިޔަވައިދޭން ކަނޑައަޅާފައި ވަކި މުދައްރިސަކު ނުހުރެއެވެ. އެކުއްޖަކަށް އެނގި ހުރި އެއްޗެއް އަނެއް ކުއްޖަކަށް ކިޔައިދެނީ އެވެ. އެގޮތުން އަބްދުއްރައްޒާގަށް އަލިފުބާ ޖަހަން ދަސްކޮށްދިނީ އޭދަފުށީ ޖީޒާ، އަލީހަސަން (މަގުއަލިބެ )ކަމަށް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑަށް އަލިފުބާ ޖަހައިދިނީ އޭދަފުށީ ”ޖީޒާ“އަލީ ހުސައިން، އާއްމު ނަމުންނަމަ މަގުއަލިބެ“ ބ.އަތޮޅު އަތޮޅުވެރިކަމާއި އަތޮޅު ކޯޓުގެ ގާޒީކަމުގެ އިތުރުން މަދްރަސަތުލްބަހިއްޔުާގެ މުދައްރިސްކަން ވެސް ކުރެއްވި އޭދަފުށީ އޯކިޑްވިލާ އަބްދުއްރައްޒާގު މުހައްމަދު

އޭދަފުށީގައި މަދަރުސާއެއްގެ ގޮތަށް ކުދިން އެއްތަނަކަށް ގެނެސް ވެރިކަމުގެ ފަރާތުން ކިޔަވައިދޭން ފެށީ މިހާރު ބަހިއްޔާ ޕްރީސްކޫލް ހުރި އިމާރާތުގެ ކުރިމަތީގައި ޗާނދަނީ މަގުގައި އެހެރަ ”ކެލާ“އާއި ޖެހިގެން ހަދާފައިހުރި ތަނެއްގައެވެ. ދަނޑިފަނުން ހަދާފައިވާ އެތަނުގެ ނަމަކަށް ކިޔަނީ އެދުރުގެ އެވެ. ކިޔަވައިދެނީ ހަމައެކަނި ޤުރުއާން އެވެ. މަދަރުސާގައި އުޅެނީ ފަންސަވީހަކަށް ދަރިވަރުންނެވެ. މުދައްރިސަކީ އޭދަފުށީ އަސްރަފީގެ އިބްރާހީމް އަލީ (މުދިންބެ އިބްރާހީމް) ކަމަށް އަބްދުﷲ އަހުމަދު ވިދާޅުވި އެވެ.

މި ފެންވަރުގައި އޭދަފުށީގެ ތައުލީމު އޮއްވައި މިހާރު ”ކެލާ “ނުވަތަ ކެލާ އަލިމަނިކުގެ ގޯތި ހުރި ތަނުގައި މަދަރުސާއެއް ބިނާ ކުރީ ޔޫސުފް ކަލޭފާނު އިސް ނަންގަވައިގެންނެވެ. ރައްޔިތުން ހަމަހިލޭ ސާބަހަށް މިތަން އިމާރާތްކޮށް ނިމުމުން މި ތަނުގެ ނަންބޯޑުގައި ޖަހާފައި އޮންނަނީ ”އަލް މަދަރުސާ“ އެވެ. ކުރިން ދަނޑިފަނުން ހަދާފައި ހުރި އެދުރުގޭގައި ކިޔަވަމުން ދިޔަ ދަރިވަރުން ބަދަލުވީ މިތަނަށެވެ. ކިޔަވައިދެނީ ޤުރުއާންގެ އިތުރުން އަރަބި ތާނަ ލިއުމާއި ކިޔުމެވެ.

ޔޫސުފް ކަލޭފާނުގެ ކަތީބުކަމާ ހަމައަށް ނުވަތަ 1950 ގެ އަހަރުތަކާ ހަމައަށް އޭދަފުށީގެ ތައުލީމީ ދުވެލި ހުރީ އެގޮތުގައި ކަމަށް އަބްދުﷲ އަހުމަދު ވިދާޅުވި އެވެ.

ޒަމާނާއެކު އަންނަމުންދާ ބަދަލުތަކަށް ރައްޔިތުން ފުރޮޅައިލުމަށް އެންމެ ބޭނުންތެރި ވަސީލަތަކީ ތައުލީމުކަން ރައްޔިތުންނަށް އަންގަވައިދެއްވި ބަތަލަކީ އޭދަފުށީ ޔޫސުފް ކަލޭފާނެވެ. އެހެނީ ކަލޭފާނަށް ރަށުގެ ވެރިކަން ލިބުމާއެކު އެންމެ އިސްކަމެއް ދެއްވީ ތައުލީމާއި ރަށްވެހި ކަމަށެވެ.

އޭދަފުށީގައި ތައުލީމީ ޖީލެއް އުފެއްދެވުމަށް ކަލޭފާނު ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. މުޅި އަތޮޅުގައި އަތްފުނާ އަޅުއްވައިގެންވެސް އެހެން މީހުންނަށް އެއްޗެއް އުނގަންނައިދެވޭ ފެންވަރުގެ މީހަކު ނުލިބުމަަކީ އަތޮޅުގެ އަސްދަނޑިން ބޭރަށް ޚިޔާލާއި ފިކުރު ގެންދިއުމަށް މެދުވެރި ކުރުވި މައިގަނޑު ސަބަބެވެ. ކޮންމެ ކަމެއްގައިވެސް އެކަމުގެ އެންމެ މަތީ ފެންވަރަށް އަމާޒު ހިއްޕެވުމުގެ ނަމޫނާ ދައްކަވާފައިވާ، މާލޭގެ އިއްޒަތްތެރިންނާއި ސަރުކާރުގައި ބަސްކިޔޭ ބަސްވިކޭ މަގާމެއްގައި ހުންނެވި ކަލޭފާނު ބެއްލެވީ މިކަމުގައިވެސް ނަމޫނާ ދައްކަވާށެވެ. މާލެއާއި އެއް ފެންވަރުގެ މަދަރުސާއެއް އޭދަފުށިގައި އުފައްދަވައި ތައުލީމު އާއްމު ކުރައްވާށެވެ.

މަދްރަސަތުލް ބަހިއްޔާ އުފެއްދެވުން

މަދްަސަތުލްބަހިއްޔާއަކީ މަޝްހޫރު އިލްމުވެރިޔާ، އަލްމަރުހޫމް މަލިމް މޫސާ ކަލޭފާނުގެ މަޝްވަރާގެ މަތިން ޔޫސުފްކަލޭފާނު އޭދަފުށީގައި އުފެއްދެވި މަދަރުސާއެވެ. އެނަން ދެއްވީ މަލިން ކަލޭފާނެވެ. އެއީ އޭދަފުށީގެ ފުރަތަމަ ތައުލީމީ މަރުކަޒެވެ.

މަލިން ކަލޭފާނަކީ ޔޫސުފް ކަލޭފާނުގެ އުސްތާޒެވެ. ގާތް އެކުވެރިއެކެވެ. ތައުލީމު ހާސިލް ކުރައްވަން މާލޭގައި ހުންނެވީ ވެސް މަލިން ކަލޭފާނުގެ މއ.ހުވަދުމާގޭގަ އެވެ. މަލިން ކަލޭފާނު ދުވަސް ދުވަސްކޮޅުން އޭދަފުއްޓަށް ވަޑައިގެން ޔޫސުފް ކަލޭފާނުގެ މެހްމާނު ދާރީގައި ހުންނަވައެވެ. ޚާއްސަކޮށް ކޮންމެ އަހަރެއްގެ ރަމަޟާން މަހު އެވެ.

ބަހިއްޔާ އުފައްދަވައި އެތަން ހިންގުމަށް ޔޫސުފް ކަލޭފާނަށް ލިބިފައިވާ ހުރިހާ ބާރަކާއި ނުފޫޒެއްގެ ބޭނުން ކުރެއްވި އެވެ. މުދައްރިސުން ހޯއްދެވުމަށް ރާއްޖޭގެ ހަތަރު ބިތުގައި ”އަތްފުނާ އެޅުއްވި“އެވެ.

ގ.ކެތީރޯޒް، މުހައްމަދު ޝަރީފާއި ”ހަސްރަތު“ގެ ނަމުން މަޝްހޫރު ވެފައިވާ ޅެންވެރިޔާ، އިބްރާހީމް މަންސޫރު، ކުޑަރިކިލު އަހުމަދު އަލީ އާއި މަދްރަސަތުލް މަޖީދިއްޔާގެ މަތީލެވެލްގެ ތެރެއިން ތިންވަނަ ފޯމުގައި ތައުލީމު ހޯދަމުން ދިޔަ ދަރިވަރު، ކުޑަރިކިލު ތުއްތުމަނިކު އޭދަފުއްޓަށް ގެންނެވީ ތައުލީމީ ހަޔާތް މެދުކަޑުއްވާލައްވާފަ އެވެ.

ދީނީ ތައުލީމު ދިނުމަށް ޚާއްސަކޮށް ގެންނެވީ ހުވަދުއަތޮޅު ވާދޫ، އައްޝައިޚް އަލްމަރްޙޫމް އިބްރާހީމް ޢަފީފެވެ. ދާއިމަށް ރަށުގައި ހުންނެވޭނެ މަގުފަހި ކޮށްދެއްވުމުގެ ގޮތުން ދިރިއުޅުއްވުމަށް ގޯއްޗެއްވެސް ދެއްވި އެވެ. ޒުވާން ޝައިޚް އަފީފު، އޭދަފުށިން މީހަކާ ކައިވެނި ބައްލަވައިގެން އަމިއްލަ ގޭގައި ގަދަރުވެރިކަމާއެކު އުޅުއްވިއެވެ. ހަތަރު ދަރިން ލިބުމަށް ފަހު އަނބިކަނބަލުން ނިޔާވުމާ ގުޅިގެން އަނބިކަނބަލުންގެ ކޮއްކޮ އާއި ކައިވެނި ކުރެއްވި އެވެ. މާގިނަ ދުވަހެއް ނުވެ އެވެ. ދަރިންނާއެކު އޭދަފުށިން މާލެއަށް ބަދަލުވީ އެވެ.

މުހައްމަދު ޝަރީފަކީ ބަހިއްޔާގައި ދިވެއްސާއި ހިސާބު މުދައްރިސެވެ. އަރަބި ތާނަ ލިޔަން ދަސްކޮށްދިނުމުގެ ބިންގާ އަޅުއްވައިދެއްވީ ވެސް ޝަރީފެވެ. އޭދަފުށީ މީހުންގެ ތާނަ ލިޔުމުގެ ރީތިކަމާއި އެފަންނަށް ފަރިތައީ ޝަރީފުގެ ރީތި ދިވެހި ލިޔުއްވުުން، ދަރިވަރުން ކޮޕީ ކޮށްލުމުގެ ކުޅަދާނަ ކަމުންނެވެ. އަޅުގަނޑުމެންނާ ހަމައަށް ބަހިއްޔާ އައިއިރު ނުވަތަ 60 ގެ އަހަރުތަކުގައި ބަހިއްޔާއިން އަރަބިތާނަ ލިޔުން ވަކި މާއްދާއެއްގެ ގޮތުގައި ހިމަނައި އެ ފަންނު ދަސްކޮށްދެއްވި އަބްދުﷲ އަހުމަދާއި ޔޫސުފް ހަސަން ފަދަ ލިޔުންތެރިންނަކީ ޝަރީފުގެ ދަރިވަރުންނެވެ. އޭނާގެ އިސް ދަރިވަރުންނެވެ.

މަދްރަސަތުއްސައާދާ އުފެދުން

މަދްރަސަތުއްސައާދާ އަކީ އޭދަފުށީގައި އުފެދުނު ދެވަނަ މަދަރުސާ އެވެ. ސައާދާއަކީ ދަރަވަންދޫގައި ހިންގަމުން ގެންދިޔަ ބ.އަތޮޅު މަދަރުސާ ކަމަށް މަރުހޫމް އޭދަފުށީ ޔޫސުފް ހަސަން ވިދާޅުވި އެވެ. ދަރަވަންދޫން އޭދަފުއްޓަށް ވެރިކަން ބަދަލު ވުމާއިގުޅިގެން އެ މަދަރުސާ ވެސް އޭދަފުއްޓަށް ބަދަލު ވެގެން ދިޔައީއެވެ. އޭރު ބަހިއްޔާ ހިނގައިގަތްތާ މާގިނަ އަހަރު ތަކެއް ނުވެއެވެ.

ސައާދާ އުފެދުމާއިއެކު ބަހިއްޔާގައި ކިޔަވަމުންް ދިޔަ ދަރިވަރުން ބަދަލުވީ ސައާދާ އަށެވެ. ނަމަވެސް ބަހިއްޔާ އުވައެއް ނުލައްވައެވެ.

ސައާދާ ހުރީ އޭދަފުށީގެ ތައުލީމަށް ގިނަ ޚިދުމަތެއް ކުރެއްވި އަދި ފުރަތަމަ ކައިވެންޏާއެކު އޭދަފުށީގައި ދިރިއުޅުއްވަން ފެއްޓެވި އަލްމަރްހޫމް ކެލާ އަލީ އިބްރާހީމް މަނިކަށް ދީފައިވާ ގޯތި ”ކެލާ” ގައެވެ. ރާނާ ހިޔާކޮށް އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ އޭދަފުށީ ރައްޔިތުން ހިލޭ ސާބަހަށެވެ.

ސައާދާ އުފެއްދީ ހިޖުރީ ސަނަތުން 1372 ވަނަ އަހަރުގެ ޝައްވާލު މަހު 7ވަނަ ދުވަހު އެވެ. ގައުމުގެ ރައީސް އަލްއަމީރު މުހައްމަދު އަމީން ވަޑައިގެންނެވި ޚާއްސަ ރަސްމިއްޔާތަކާއެކު އެވެ. ސައާދާ އުފެއްދުމުގެ އެއްމަސް ދުވަސް ކުރިން އެ އަހަރުގެ ރަމަޟާން މަހު ވަނީ ބ. އަތޮޅުގެ ރަށްރަށުން ސައާދާއަށް ވެއްދުމަށް ކުދިން ގެނެސްފަ އެވެ. ފުރަތަމަ ގެނައީ 29 ކުދިންނެވެ. ކުދިން ނަގާފައިވަނީ ރަށުގެ އާބާދީއަށް ބަލައި އާބާދީ މަދު ރަށްރަށުން ދެ ކުދިންނެވެ. އާބާދީ ގިނަ ރަށްރަށުން ތިނެއް ނުވަތަ ހަތަރު ކުދިންނެވެ.

ސައާދާ ގައި ކިޔަވައިދެއްވުމަށް މުދައްރިސުން ގެނެސްފައިވަނީ މާލެއިންނެވެ. އޭގެ ތެރޭގައި މާލޭގައި ކިޔަވަމުން ގެންދެވި ބ.އަތޮޅުގެ ރަށްރަށުގެ ޒުވާން ކުދިންވެސް ހިމެނެ އެވެ. މުދައްރިސުންގެ ގޮތުގައި ތިއްބެވީ ގ.ކެތީރޯޒް  މުހައްމަދު ޝަރީފް، (އެންމެ އިސް މީހާ) ގ. ސޯސަނީ މުހައްމަދު ލުތުފީ، ނތ. ހަސަންދީދީ، ހަސަން ހަމީދު، ފުއްލާ ހަސަންފުޅު (ގުރުއާން މުދައްރިސް) ކުޑަރިކިލު އަހްމަދު އަލީ، ކުޑަރިކިލު ތުއްތުމަނިކު، އަބްދުއްރަޝީދު ނިޒާރު، އަދިވެސް އިތުރު މުދައްރިސުންނެވެ.

ސައާދާގައި އިނގިރޭސި ފިޔަވައި ހުރިހާ މާއްދާއެއްވެސް ކިޔަވައިދެއްވި އެވެ. ތައުލީމު ދިނުމަށް ބޭނުންކުރެއްވީ ޝައިޚް މަރްހޫމް ޖަމީލުދީދީ ލިޔުއްވި ތައުލީމުއްދިޔާނާ ފޮތްބައިންނާއި އަލްއިމްތިހާނު ކިޔާ ފޮތަކުންނެވެ. ދަރިވަރުންގެ އަޚްލާގު ރަނގަޅު ކުރުމުގެ ގޮތުން ދުރޫސުލްއަޚްލާގު ފޮތުންނެވެ. ދިވެހިބަހާއި ބަހުގެ ގަވާއިދު ތައް ކިޔަވައިދެއްވީ ސަރުކާރުން ޗާޕުކުރައްވާފައި އާއްމުކޮށް ވިއްކަން ހުންނަ ފަސޭހަ ދިވެހި، ފަދަ ފޮތްތަކުންނެވެ. ހިސާބުން އެއްކޮށް ކަނޑާ ގުނަކޮށް ގެއްލުން ނިންމާގައި ކޮމްޕައުންޑް ރޫލް ފޮތުންނާއި ފަސޭހާ ހިސާބު ކިޔާ ފޮތަކުން ޝަރީފް ކިޔަވައިދެއްވިއެވެ. (ނުނިމޭ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top