ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން 3 ގެ ފައިނަލުގައި ޕެނަލްޓީ ޖަހައިން މޮޅުވެ, ބ. އޭދަފުށި ޒޯންގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ރޭ ކުޅެވުނު ފޯރިގަދަ މި ފައިނަލ މެޗުގައި ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި ގާފަރަށް ލިބުނު ލިބުނު ހިލޭ ޖެހުމެއް ގާފަރުގެ ޝަނާން ރަޝީދް ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ފުރަތަމަ ލީޑުނެގީ ގާފަރުންނެވެ.
ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ގާފަރުގެ ޑިފެންޑަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޝަނާން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ.
ދެވަނަ ހާފުގެ 3 ވަނަ މިނެޓުގައި އޭދަފުށިން ވަނީ ލަނޑެއް ޖަހާ މޮޅުވުމަށް ކުރި އުއްމީދު އާކޮށްފައެވެ. މި ލަނޑަކީ, ގާފަރުގެ ދެ ލަނޑު ޖެހި ޝަނާން އަތުން ބޯޅަ އަތުލުމަށްފަހު އޭދަފުށިން ފެށި ކައުންޓާ އެޓޭކަކުން މުއާޒް އަލީ ކާމިޔާބު ކުރި ލަނޑެކެވެ.
އޭދަފުށިން މެޗުގެ ނަތީޖާ ހަމަަކުރީ ވަގުތު ހަމަވާން އެންމެ ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑަކީ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ދިން ޕާހަކުން ޕެނަލްޓީ އޭރިއާގެ އަރިމަތީ ހުރުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން އިމްތިޝާލް އަބްދުއްރަހީމް ކާމިޔާބު ކުރި ލަނޑެކެވެ.
މި ލަނޑާއެކު މެޗު ވަނީ 2-2 އިން އެއްވަރުވެ ޕެނަލްޓީއަށް ގޮސްފައެވެ. އޭދަފުށިން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރީ 4-2 އިންނެވެ.
ޒޯން 3 ގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭދަފުށީގެ ހުސައިން ޝަރީފެވެ. ޒޯންގެ ޓޮޕްސްކޯރަރ ގެ މަގާމު ހޯދީ ގާފަރުފެ ޝަނާންއެވެ.






