ބ. އޭދަފުށީގައި މިދިޔަ މަހު 15 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 82 އަހަރުގެ އޭދަފުށީ ސީސަންގޭ އަބޫބަކުރު އަބްދުﷲ މަރުވެފައިވާއިރު, އެ އެކްސިޑެންޓް ހިނގި ޕިކަޕް ދުއްވަން އިން ޑުރައިވަރުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފިއެވެ.
މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު, އަބޫބަކުރު އަބްދުﷲ, މިދިޔަ ހުކުރު ދުވަހު ވަނީ މަރުވެފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ޕިކަޕް ދުއްވަން އިން 62 އަހަރުގެ ދިވެހި ޑުރައިވަރު ހައްޔަރުކޮށް އޭނާގެ ބަންދަށް ފުރަތަމަ އިތުރު ކުރީ 15 ދުވަހެވެ. އެ މުއްދަތު އިއްޔެ ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަހު އޭނާ ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓު ހިނގީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ މަޣްރިބު ނަމާދަށް ފަހު، އަބޫބަކުރު ހިނގާފައި ގެއަށް ދިޔަ މަގުމަތީ ޕިކަޕެއްގައި ޖެހިގެންނެވެ.
މަންޒަރު ދުށް މީހުން ތުހުމަތުކުރާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ ޕިކަޕު ދުއްވަން އިން މީހާ ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުންނެވެ.





