ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖަނަވަރީ މަހުގެ 11ގައި ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުކުރި ދެ އިއުލާނެއްގައިވަނީ، ވިލުފުށްޓާއި ތުޅާދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ދެ ރަށުގައި އަޅައިފައިވާ ހައުސިން ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 11އިން ފެށިގެން ފޯމް ހުށަހެޅޭނެ ކަމަށެވެ.
އެ ސްކީމްތަކާ ބެހޭ މައުލޫމާތު، ވިލުފުށްޓާއި ތުޅާދޫން ހައުސިން ޔުނިޓު ދޫކުރުމާ ބެހޭ އުސޫލުތަކުގައި ހިމަނައިފައިވާނެ ކަމަށް އެ ދެ އިއުލާނުގައިވެއެވެ.
އެ ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ 23:59ގެ ނިޔަލަށް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ނުވަތަ މިނިސްޓްރީގެ 4004919 ނަންބަރަށް ގުޅައިގެން ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ބިން ކުޑަ ރަށްތައް ހިމެނޭ ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، މި އަހަރު ވެސް ބިން ހިއްކުމާއި ހައުސިން ޔުނިޓުތައް އެޅުމުގެ ގިނަ މަސައްކަތްތަކެއް މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ހަވާލުކޮށް، ފަށައިފައިވެއެވެ.
މި ސަރުކާރުން މި އަހަރު ފަށައިފައިވަނީ ބޯހިޔާވަހިކަމުގެ އަހަރުގެ ގޮތުގައި ސިފަކޮށްގެން ނަމަވެސް، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޚާއްސަކުރި ބަޖެޓުގެ ބޮޑު ބަޔެއް ބޭނުންނުކޮށް އޮތުމުން ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.





