މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ މީހުންނަށް ގޯތި ދޭ އުސޫލު އާންމުކޮށްފި

discrimination-800x468-1.jpg

މާލޭގައި ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރުމަށް ރަސްމާލެ ހާއްސަކޮށް، މާލެ ސަރަހައްދުން ދިރިއުޅުމަށް ގޯއްޗާއި ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލު ރޭ އާއްމުކޮށްފި އެެވެ.

އެ އުސޫލުގައިވާ ގޮތުން މާލެ ސަރަހައްދުން ގޯތި ދޫކުރާނީ މާލޭގައި ދިރިއުޅޭ މީހުން ދެ ކެޓަގަރީއަކަށް ބަހާލައިގެން ނެވެ. އެެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ.

އެގޮތުން މާލޭ ރަށްވެހިންގެ ކެޓަގަރީގެ މީހުންނަށް ގްރޭޓާ މާލެ ސަރަހައްދުންނާއި، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނާއި ރަސްމާލޭން ވެސް ގޯތި ދޫކުރާނެ އެވެ. ނަމަވެސް ކެޓަގަރީ ދޭއްގެ މީހުންނަށް ގޯތި ދޫކުރާނީ ހަމަ އެކަނި ރަސްމާލެއިންނެވެ.

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ރަސްމާލެ އިން ގޯތި ދިނުމުގައި ފުރަތަމަ ޝަރުތަކީ މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވުމެވެ. އަހަރު ގުނާނީ އަންނަ ޖެނުއަރީ މަހުގެ 14 ވަަނަ ދުވަހާ ހަމައަށެވެ. އެ ކެޓަގަރީގެ މީހުންނަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، މާލޭގައި ދިރިއުޅުނު މުއްދަތާއި މިލްކިއްޔާތުގައި ބިމެއް އޮތުން ނުވަތަ ބަހައިގެން ބިމެއް ލިބެން އޮތުން ހިމެނެ އެވެ.

މާލޭގެ ރަށްވެހިންނާއި އަދި އަތޮޅުތެރޭގެ ރަށްވެހިންނަށް ވެސް ދޫކުރާ ގޯތި ދިނުމުގައި ބަލާ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުން ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެ މީހަކަށް ޖެހޭ ބައި 400 އަކަފޫޓަށް ވުރެ ބޮޑުނުވުން ހިމެނެ އެވެ.

މީގެ އިތުރުން އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްދުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން ނުވަތަ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްތުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން ދިބޭ ބައި 400 އަކަފޫޓަށް ވުރެ ބޮޑުނުވުމަކީ ވެސް ޝަރުތެކެވެ.

އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް އޮތް ނަމަ، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ބިމެއް ދޫކޮށްލަން އެއްބަސްވުމާއި މައިންބަފައިންގެ ނަމުގައި ނުވަތަ އުފަން ދަރިއެއްގެ ނަމުގައި ނުވަތަ އަނބިމީ ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ގޯއްޗަކުން ތަރިކައިން ނުވަތަ ވަޞިއްޔަތުން ގޯއްޗެއް ނުވަތަ ގޯތިން ބައެއް ބަހައިގެން ލިބެން އޮންނަ ބައި، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން އެއްބަސްވުމަކީ ވެސް ޝަރުތެކެވެ.

އެ މީހެއްގެ ނަމުގައި އެއްމެދު ގޯއްޗެއް ރަޖިސްޓަރީކޮށްފައިވާ ނަމަ، ގޯތި ބަހައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން އެއްބަސްވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ. ނަމަވެސް ‘ބިންވެރިޔާ’ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫފުގެ ދަށުން ވަކިން ނުވަތަ ޖޮއިންޓް އެޕްލިކޭޝަނެއް ހުނަހަޅައިގެން ގޯތި ލިބިފައިވާ ފަރާތަކަން، އެއްމެދު ގޯއްޗަކުން ދޫކުރާ ބިމެއް ބަހައިގެން ލިބޭ ބައެއް ނުދެވޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އަންނަ މަހު ހިއްކައި ނިމެނޭ ކަމަށް ލަފާކޮށްފައިވާ ރަސްމާލެ އިން 25،000 ގޯތި ދޫކުރަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ދޫކުރުމަށް ނިންމާފައިވަނީ 15،000 ގޯއްޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top