އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ކޮންމެ މަހަކު ދޭ މާލީ އެހީ 15،000 ރުފިޔާއާ ހަމައަށް ބޮޑުކުރަން ގަވާއިދު އިސްލާހުކޮށްފި އެވެ.
އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދޭ އަދަދު 12،000ރ. އަށް ވުރެ އިތުރު ނުވާ ގޮތަށް ކޮންމެ ދަރިއަކަށް މަހަކު 3،000ރ. ގެ ރޭޓުން އިތުރު ކޮށްދިނުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.
އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހާއެކު ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ލިބޭނެ އެވެ. އަދި ހަތަރު ކުދިންނަށްވުރެ އިތުރަށް ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މާލީ އެހީގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާ ލިބޭނެ އެވެ.
ގަވާއިދުގައި މީގެ ކުރިން އޮންނަ ގޮތުން، އެކަނިވެރި މައިންނަށް ނުވަތަ ބަފައިންނަށް، ކޮންމެ ކުއްޖަކަށް ދައުލަތުން 1،000 ރުފިޔާ ދޭނެއެވެ. މިއަދު ގެނައި އިސްލާހާއެކު، ހަތަރު ކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ދައުލަތުން ދޭނެއެވެ. އަދި އޭގެ ފަހުން އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބިދެވޭނެކަމަށްވެސް ގާނޫނަށް ގެނައި އިސްލާހުގައިވެއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިން ނުވަތަ ބަފައިންގެ ތެރޭ 2،895 މީހަކު އެބަ ތިއްބެވެ. އަދި 4،940 ކުޑަކުއްޖަކަށް މާލީ އެހީތެރިކަން ދެމުން ގެންދާކަން ވެއެވެ.
އެކަނިވެރި މައިންނަށާއި ބަފައިންނަށް ދޭ އެހީތެރިކަން ބޮޑުކުރާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހާމަކުރައްވައިފައެވެ.








