ސުތުރާގެ ގޮތުގައި ވަކިން ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފައިވާތީ، އެފަދަ ތަކެތި މިސްކިތްތަކުން ނަގަން ނިންމައިފި އެވެ.
ސުތުރާ އަކީ ނަމާދުކުރާ މީހާގެ ކުރިމަތީގައި ޖަހާ ނުވަތަ ބަހައްޓާ އަސައެއް ނުވަތަ އެ ނޫން ވެސް އެއްޗެކެވެ. ނުވަތަ ނަމާދުކުރާ މީހާގެ ކުރިމަތިން މީހުން ދިއުން ހުއްޓުވުމަށްޓަކައި އޭނާގެ ކުރިމަތީގައި ބަހައްޓާ އެއްޗެކެވެ. އެ ބޭނުމުގައި ސުތުރާގެ ގޮތުގައި ހަދާފައިވާ ތަކެތި މިހާރު މިސްކިތްތަކުގައި ވަރަށް ގިނައިން ބަހައްޓާފައި ހުރެ އެވެ.
އެފަދަ ސުތުރާތައް މިސްކިތްތަކުގައި ބަހައްޓާފައި ހުންނާތީ، އެކަމުގެ ހުކުމް ބަޔާން ކޮށްދޭން ފަތުވާ މަޖިލީހުން ވަނީ މިދިޔަ ހަފުތާގައި ފަތުވާއެއް ނެރެފަ އެވެ. އެ ފަތުވާގައިވާ ގޮތުން ސުތުރާ ބޭނުންކުރުމާއި ސުތުރާގެ ގޮތުގައި ވަކިން ހާއްސަ އެއްޗެއް ހަދައިގެން ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ވިދާޅުވީ މިފަހަކަށް އައިސް، ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި އެކި ސިފަސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭ ކަމަށެވެ. އެގޮތަށް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދިވަޑައިގަންނަވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
“މިއީ ރަސޫލާގެ ހަޔާތްޕުޅުގައި ވެސް އަސްހާބު ބޭކަލުންގެ ހަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ގަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތެއް ނޫން. ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާ ހިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއް ނޫން،” މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބައެއް މިސްކިތްތަކުގައި އެކި ޒާތްޒާތުގެ އަތަރުފުޅިތައް ވެސް ބަހައްޓާފައި ހުންނަތަން ފެނިވަޑައިގަންނަވާކަމަށެވެ.
”ކޮންމެ ނަމާދަކަށް ސަފަށް އަރަންވީމާ އަތަރުލުމާއި ޖެހިގެން ހުރި މީހާގައިގައި ވެސް އަތަރު އުނގުޅުމާއި މިކަންކަމަކީ މިހާރަކަށް އައިސް ފެންނަކަންކަން. މިއީ ކޮންމެ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއްނޫން.“ ޝަހީމް ވިދާޅުވިއެވެ.
ގެއިން މިސްކިތަށް ދާއިރު ސާފުތާހިރުވެގެން ދިއުމަކީ ސުންނަތެއް ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ
އަޅުކަމުގެ ކުރިން ހުވަނދުލުން ޞައްޙަ ސުންނަތުން ސާބިތުވާ ދެ މަޤާމަކީ ޙައްޖާއި ޢުމްރާއަށް އިޙުރާމް ނިޔަތްގަތުމުގެ ކުރިންނާއި ހުކުރު ނަމާދަށް ދާއިރު ކަމަށެވެ. އެހެން ނޫނީ ވަކި އަޅުކަމަކާ ގުޅިގެން ކޮންމެ ފަހަރަކު އަތަރު ލުމެއް ސުންނަތުގައި ނޯންނަކަމަށް ވިދާޅުވި އެވެ.
ނަމަވެސް ކޮންމެހެން ވަކި ވަގުތަކާ ނުގުޅުވައި ދިރިއުޅުމުގައި ސާފުތާހިރުވުމާއި ޒީނަތުގެ ގޮތުން ހުވަނދުލުމަކީ ސުންނަތެއް.” ޝަހީމް ވިދާޅުވިއެވެ.





