ބ. ދަރަވަންދުއަށް ޒިޔާރަތްކުރާ މީހުން އިތުރުކުރުމުގެ ގޮތުން މިއަހަރަށް ކަނޑައެޅި ޝިއާރު، ”ދަރަވަންދޫއަށް ޒިޔާރަތްކުރާ އަހަރު“ ގެ އަމާޒަށް ވާސިލްވުމަށް ދަރަވަންދޫ ކައުންސިލުން އެރަށުގައި އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.
”ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ“ ގެ ނަމުގައި ބާއްވާ މިމުބާރާތުގައި ދަރަވަންދޫގެ އިތުރުން އަވައްޓެރި މާޅޮސް, ދޮންފަން އަދި ކިހާދޫގެ ޓީމްތައް ވާދަކުރެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރަނީ 8 ޓީމެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 60,000 ރުފިޔާ، ރަނަރަޕް ޓީމަށް 30,000 ރުފިޔާ ވަނީ ކަނޑައަޅާފައިވެ އެވެ. އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާ، ރަނަރަޕް ޓީމަށް 15,000 ރުފިޔާއެވެ.
”ދަރަވަންދޫއަށް ޒިޔާރަތްކުރާ އަހަރު“ ގެ އަމާޒަށް ވާސިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ދަރަވަންދޫ ކައުންސިލުން ތިން މުބާރާތެއް ބާއްވަން ކަނޑައެޅިއެވެ. އެއީ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތަކާއި, ވަކި އުމުރެއް ނެތް ފިރިހެން އަދި އަންހެން ޑިވިޝަންގެ މުބާރާތެވެ. ސޯޅަ އަހަރުން ދަށުގެ މުބާރާތް ނިމި އެންމެ ފަހުން ފެށީ ފިރިހެން ޑިވިޝަންގެ މުބާރާތާއި އަންހެން ޑިވިޝަންގެ މުބާރާތެވެ.






