އަތޮޅު ކައުންސިލްތައް އުވުނަސް، ވަޒީފާއަށް ބިރެއް ނެތް: އާދަމް ޝަރީފް

large_1764411684392cKi.jpg

މިނިސްޓަރު އާދަމް ޝަރީފް: ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވުނަސް، މުވައްޒަފުންގެ މަގާމުތަކާ ވަޒީފާއަށް ބިރެއް ނެތް ކަމަށް ---ފޮޓޯ/ ލޯކަލް ގަވަނަންސް މިނިސްޓްރީ

އަތޮޅު ކައުންސިލްތައް އުވުނަސް، މުވައްޒަފުންގެ މަގާމުތަކާއި ވަޒީފާ ގެއްލޭނެ ކަމުގެ ބިރެއް ނެތް ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން، އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފައެވެ. އެކަމާ ގުޅިގެން ބައެއް މީހުން އަންނަނީ، ވަޒީފާތައް ގެއްލޭނެ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މާލެ އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ “ކާފު ފޯރަމް” ފެށުމަށް ރޭ ބޭއްވި ރަސްމިޔާތުގައި އެ ވާހަކައަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލިޔަސް، މުވައްޒަފުންގެ ވަޒީފާތަކާއި މަގާމުތައް ގެއްލޭނެ ކަމުގެ ބިރެއް ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީން ލިބުނު އެންމެ އަގުބޮޑު ހަދިޔާ އަކީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ކަށަވަރުކޮށް ދިނުން ކަމަށެވެ. ނަމަވެސް މި ނިޒާމު އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށް ވިދާޅުވި އެވެ..

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ނިޒާމެއްކަން އެންމެން ވެސް ޤަބޫލްު ކުރާ ކަމަށާއި ރަށެއްގައި ކައުންސިލް ރަނގަޅަށް ހިނގާ ކަމަށްވާ ނަމަ އެރަށެއްގެ މުހިންމު ހުރިހާ ކަމެއް ނިންމަން ޖެހޭނީ ރައްޔިތުންނާއި ވާހަކަ ދައްކައިގެން ރައްޔިތުންނާ ގާތުން ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

ފެހި ގާނޫނު އަސާސީން ލާމަރުކަޒީ ނިޒާމު ކަށަވަރު ކޮށްދިނުމުގެ އަސާސް ލިބިފައިވާކަން ފާހަގަކުރައްވައި، އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް ލިބެންޖެހޭ ބާރުވެރިކަން ފުރިހަމަ މާނައިގައި ލިބުނީ ވެސް އެހެންވެ ކަމަށެވެ.

ނަމަވެސް، މި ނިޒާމު އިތުރަށް ތަރައްގީ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކާއެކު ރަނގަޅު ގުޅުމެއް ބާއްވައިގެން، މިނިސްޓްރީއަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެ ކަމާމެދު ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން އާބާދީއަށް ބަލައި, ރަށްރަށުގެ ކައުންސިލްތަކުގެ ސައިޒް ކުޑަކުރައްވާނެ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top