ލައިލަތުލް ޤަދްރި ވިލޭރޭ، ޙައިޟުވެރިޔާ އާއި ނިފާސްވެރިޔާގެ ރޭއަޅުކަން

544275c4bd956.jpg

ލައިލަތުލްޤަދްރި ވިލޭރޭ ވަނީ، ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެތެރެއިން ރެއެއްގައިކަން ކީރިތިރަސޫލާގެ ސުންނަތުން ޘާބިތުވެއެވެ. އެއީ ކަނޑައެޅިގެން ވަކިރެއެއް ކަމެއް ސާފެއްނުވެއެވެ. އެހެންކަމުން ރަމަޟާން މަހުގެ މުޅި ފަހުދިހައިގެ ހުރިހާ ރެއެއްގައި ވަރަށް ގިނަބަޔަކު ދަނީ، އެރޭގެ ދަރުމައާއި ޘަވާބު ހޯދުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މާތްﷲ ކީރިތިޤުރްއާނުގައި ވަޙީކުރައްވަނީ، (لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ) މާނައީ: ” ލައިލަތުލްޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެން ހެޔޮކަން ބޮޑެވެ.”

ސުވާލަކީ އެ މަތިވެރި ރޭގެ ދަރުމައާއި ޘަވާބު ހޯދުމަށްޓަކައި، ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް އަޅުކަމުގެގޮތުން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯއެވެ؟

އާދެ! ޙައިޟުވެރިޔާއާއި ނިފާސްވެރިޔާގެމައްޗަށް ރޯދަ ހިފުމާއި، ނަމާދުކުރުމަކީ، ޙަރާމްކަމެކެވެ. އަދި ހަމަ އެހެންމެ ގެފުޅުވަށައިގެން ޠަވާފުކުރުމާއި، އިޢުތިކާފަށް އިނުމަކީ، ޙަރާމްކަމެކެވެ. މި ބުނެވިދިޔަ ކަންތައްތަކުގެ އިތުރަށް ރޭއަޅުކަމުގެ ގޮތުން ކުރެވިދާނެ ކިތަންމެ ކަންތައްތަކެއް ވެއެވެ. ރޭއަޅުކަމުގެ ގޮތުން ކުރެވޭ ކަމަކީ، ނަމާދު އެކަންޏެއް ނޫނެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކަކީ:

1- ޛިކުރު ކުރުން : (سُبْحَانَ الله ) (سُبْحَانَ الله وَبِحَمْدِهِ )   (سُبْحَانَ الله وَبِحَمْدِهِ سُبْحَانَ الله الْعَظِيْم)

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ) މިފަދަ ކަލިމަތައް ތަކުރާރުކޮށް ގިނަގިނައިން ކިޔުން.

2- އިސްތިޣްފާރުކުރުން : (سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، أَشْهَدُ أَنْ لا إِلهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتْوبُ إِلَيْكَ)

( أَسْتَغْفِرُ اللَّهَ الْعَظِيمَ ) މިފަދަ ކަލިމަތައް ގިނަގިނައިން ކިޔުން.

3- ދުޢާކުރުން : ދުނިޔެއާއި އާޚިތުގެ ޙަޔާތް ބާއްޖަވެރި ކުރުމަށްއެދި ކޮންމެ މީހަކަށްވެސް، ގިނަގިނައިން ދުޢާކުރެވިދާނެއެވެ. ދުޢާކުރުމަކީ، ވަރަށް މަތިވެރި އަޅުކަމެކެވެ. ކީރިތިރަސޫލާޞައްﷲޢަލައިހިވަސައްލަމަ ޙަދީޘްކުރައްވަނީ، ( الدُّعَاءُ هُوَ الْعِبَادَةُ ) ( ރިވާކުރެއްވީ އަލްއިމާމުއްތިރުމިޛީ) މާނައީ، “ދުޢާކުރުން އެއީ، އަޅުކަމެކެވެ.”

މިސާލަކަށް، ( اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّي ) މިއީ، ލައިލަތުލްޤަދްރިވިލޭރޭ ޢާއިޝަތުގެފާނު ވިދާޅުވުމަށް، ކީރިތިރަސޫލާ ވިދާޅުދެއްވި ދުޢާއެކެވެ.

ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ، ރޭއަޅުކަމުގެ ގޮތުން މިފަދަ އަޅުކަންތައް ތަކާއި، އަދި މިނޫންވެސް އެތައް ހެޔޮކަ ންތައްތަކެއް ކުރެވިދާނެއެވެ.

އަޅުގަނޑުގެ ދުޢާއަކީ، އެކަނބަލުންނާއި އަޅުގަނޑުމެން އެންމެން، ރޭއަޅުކަމުގެގޮތުގައި ކުރާ ހުރިހާ ހެޔޮ ޢަމަލުތަކެއް މާތްﷲގެ ޙަޟްރަތުގައި ޤަބޫލު ވެވިގެންވާ ޢަމަލުތަކެއް ކަމުގައި ލެއްވުމެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top