މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާއިން އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރައްވަ އެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި މި ސަރަޙައްދުގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ލަފާކުރައްވައެވެ.
ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއެކު މިއަދު މެންދުރު ފަހުން ފެށިގެން ކުރިއަށް އޮތް ތިންދުވަހު އެކި ހިސާބުތަކަށް ވިއްސާރަވެ ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އެ ގޮތުން އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން ވަައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.





