ބ.ފެހެންދޫގައި ފްލޯޓިން އޭކާރސް ޕްރައިވެޓް ލިމިޓެޑް އިން ހެއްދި ސީވީޑް (މޫދު ވިނަ) އެކްސްޕޯޓް ކުރަން ތައްޔާރުވެއްޖެ އެވެ.
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ އަށް މަސް ކުރިން ބ.ފެހެންދޫގައި ފެށި ސީވީޑް އާލާކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ހައްދައި، މިއަދު އެކްސްޕޯޓް ކުރުމަށް ތައްޔާރުވެފައިވާތީ ފްލޯޓިންގ އޭކާސް ޕްރައިވެޓް ލިމިޓެޑާއި ޓީމަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.
ސީވީޑް ހެއްދުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމުގެ ހުއްދަ ފްލޯޓިން އޭކާރސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ކަމަށާއި، ހަމަހުގެ ނަތީޖާއަށް ބަލައި ސީވީޑް ވިޔަފާރި ކުރުމުގެ ލައިސަންސް އެ ކުންފުންޏަށް ދޫކުރުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީ އިން ކުރިން ބުނެފައި ވެއެވެ.
މޫދުވިނަ އާލާކުރެވިދާނެތޯ ބެލުމަށް މީގެކުރިން ހިންގި އަޖުމަބެލުމުގެ މަޝްރޫޢެއްގެ ރިޕޯޓުގައި މި މަސައްކަތަކީ ރާއްޖޭގައި ކުރެވިދާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވީ ނަމަވެސް، މިހާތަނަށް ނިމިދިޔަ އެއްވެސް ސަރުކާރަކުން ވިޔަފާރީ އުސޫލުން މޫދުވިނަ އާލާކުރުމުގެ މަސައްކަތަކަށް ހުއްދަ ދީފައެއް ނުވެއެވެ.
އެ ކުންފުނިން ފެހެންދޫގައި ސީވީޑް ހެއްދުމުގެ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރ 15 ވަނަ ދުވަހުއެވެ.
ރާއްޖެއަކީ 99 އިންސައްތަ ކަނޑު ހިއްސާކުރާ ގައުމަކަށްވާތީ، މެރިކަލްޗާ އާއި ގުޅުންހުރި މިފަދަ މަޝްރޫއުތަކުގެ ސަބަބުން ވަޒީފާތައް އުފެދި، ގައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.





