އިންޑިއާއަށް ދަތުރުކުރާ ދިވެހީން، “އީ-އެރައިވަލް ކާޑު” ފުރިހަމަކުރުމަށް ދިވެހި ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އިންޑިއާގެ އިމިގްރޭޝަން އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށް އެ ބަދަލުތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން، އިންޑިއާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން “އީ-އެރައިވަލް ކާޑު” އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެހެންވެ، ފޮރިން މިނިސްޓްރީން ވަނީ އިންޑިއާއަށް ދަތުރުކުރާ ކޮންމެ މީހަކު ވެސް ފުރުމުގެ ކުރިން، 72 ގަޑިއިރުތެރޭގައި އީ-އެރައިވަލް ކާޑު ފޯމް ފުރިހަމަކުރަން އިލްތިމާސްކޮށްފައެވެ.
މީގެ ސަބަބުން، އިންޑިއާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިންޑިއާއަކީ ދިވެހީންގެ މެދުގައި ބޭސްފަރުވާ ކުރުމަށް އެންމެ މަގުބޫލު އެއް މަންޒިލެވެ. ކޮންމެ އަހަރަކު ވެސް އެތަކެއް ދިވެހިން ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ދަތުރުކޮށް އުޅެއެވެ.






