މާދަމާއިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ފަސިންޖަރުން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ފުރަންޖެހޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މާދަމާއިން ފެށިގެން ލަންކާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކު ލަންކާއަށް އެތެރެވުމުގެ ކުރިން އީޓީއޭ ހޯދަންޖެހޭ ގޮތަށް އެ ގައުމުގެ އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން ލަންކާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކުވެސް ފުރުމުގެ 48 ގަޑިއިރާއި 24 ގަޑިއިރުގެ ތެރޭގައި އީޓީއޭ ފޯމް ފުރިހަމަކުރަން ޖެހޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
މި ފޯމް ފުރަން ޖެހުނު ނަމަވެސް ލަންކާއިން ދިވެހިނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.





