ދެ ނަމާދު ދޭތެރޭ ޤުރްއާން ކިޔެވުންފަދަ އާދަތައް އަލުން އާލާކުރުމަށް ރައީސް ގޮވާލައްވައިފި

large_176025275744FgD6.jpeg

ދެ ނަމާދު ދޭތެރޭ ގުރުއާން ކިޔެވުންފަދަ ރީތި އާދަތައް ދިވެހި މުޖުތަމައުގައި އިއާދަކުރަން ޖެހިފައިވާ ކަމަށާއި އެފަދަ ކަންކަމަށް ވަގުތު ހުސްކުރަން ރަައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ގޮވައިލައްވައިފިއެވެ.

ޤުރްއާން ކިޔެވުމުގެ 37ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ނަމާދު ދޭތެރޭގައި ދަރިންނާއި މައިންބަފައިން ގުރުއާން ކިޔަވަން ތިބި ޒަމާނަކީ، އެ އާދަތައް އަލުން އަނބުރާ ހޯދަންޖެހޭ ވަރަށް ރިވެތި އާދަތަކެއް ކަމަށެވެ. ދިރިއުޅުމުގެ ބުރަ ވަގުތުތަކުގެ ތެރެއިންވެސް، މިއީ ކޮންމެހެން ވަގުތު ހޯދަންޖެހޭ ކަމެއްގެ ގޮތުގައި ހެދުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ހަމަ އެހެންމެ މިސްކިތްތަކުގައި ކިޔަވަން ތިބުމާއި، ގޭތެރޭ ވެސް ކިޔަވަން ތިބުމަކީ ކުރިން ފެންނަ މަންޒަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިއަދު އެންމެން ވެސް އުޅެނީ އެކި މަސައްކަތްތަކުގައި އަވަދަނެތި އުޅެންޖެހޭ، ވަގުތު ހުސްކުރަން ދަތި ދިރިއުޅުމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ އާދަ މިއަދު ނުފެންނަ ކަމަށެވެ.

އެކަމަކު، ވަގުތު ނެތިގެން ކަމަށް ބުނެ އިސްލާމްދީނުގައި ކުރަން އަންގަވައިފައިވާ ކަންކަން ނުކޮށް ދޫކުރާނަމަ މުޖުތަމައުގައި ހަމަޖެހުން ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދީނުގެ މަގުގައި ކުރިއަށް ދިއުމުގައި ނޫނީ އެހެން ވާދަވެރިކަމެއް އޮވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

“އެހެންވީމާ އަޅުގަނޑުމެން އިސްކަމެއް ދޭންޖެހޭ މިދެންނެވި ކުރިން ހުރި އާދަތައް އަނބުރާ ގެންނަން. މަޣްރިބް ނަމާދުކޮށްގެން އިޝާ ނަމާދާ ދޭތެރޭގައި ތަރުތީބު ކޮށްގެން އަޅުގަނޑުމެން ވަގުތު ހުސްކުރަން އެބަޖެހޭ [ގުރުއާން] ކިޔަވަން،” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލާހާއި ކާމިޔާބު ދެ ދުނިޔޭގައި ވެސް ލިބެން އޮތީ ޤުރުއާނު ގައިވާ ކަންކަމަށް ތަބާވެެގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރީތިކޮށް ޤުރްއާން ކިޔެވުމަކީ ފަޚުރުވެރިވާ ފަދަ ކަމަކަށް ހަދަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top