އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައި ދިނުމަށް، ޓީޗަރުން ތަމްރީނު ކުރާ ބޮޑު ކެމްޕެއިނެއް އަންނަ އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ކްރޮސްވޯލްޑް މޯލްޑިވްސް ގައި ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ސުކޫލުތަކުގައި ކިޔަވައިދެމުން އަންނަނީ, އިސްލާމް ދީނާއި ގައުމު ދެކެ ލޯބިވާ ކުދިން ދިރިއުޅުމަށް ތައްޔާރު ކުރުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް ރޯދަ މަހު ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނެ ކަމަށެވެ.
“އެހެންވެ] ގަސްތުކުރަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި އެކަމުގެ ފަންނީ ގާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ޓްރޭނިން މި މުއްދަތުގެ ތެރޭގައި ދިނުމަށް،” މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ ދިރިއުޅުމާ ދޭތެރޭގައި ވިސްނާ، ގައުމާއި ދުނިޔެއާ ދޭތެރޭ އުފެއްދުންތެރި ވިސްނުންތެރި ކުދިން އުފެއްދޭނީ، ކިއުރިއަސް މައިންޑްތަކެއް ސްކޫލު ދައުރުގައި އުފެއްދިގެން ކަމަށެވެ.
އެގޮތުން، ގައުމު އުނގެނުމުގެ މަތީގައި ދެމިއޮންނާނީ ވިސްނައި ފިކުރު ކުރާ ޒުވާނުންނާއި ދަރިވަރުންތަކެއް އުފެދިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނޫންނަމަ، ސުކޫލު މަރުހަލާ ނިންމުމަށް ފަހު އޮއްޓަރު ހުރި ކަންކަމުގައި ޒުވާނުންނަށް ނޫޅެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެއިތުރަށް، ތައުލީމީ ނިޒާމުގެ ތެރެއިން އެއް ކުއްޖަކު ވެސް ބާކީނުވުމަކީ އިސްކަންދޭ ކަމެއްކަމަށާއި އަދި، މިއަދު ފެށި ކޮންފަރެންސްގެ ބޭނުމަކީ ޓީޗަރުންގެ ޚިޔާލު ހިމެނޭހެން ޕްރިންސިޕަލުން މަޝްވަރާ ކުރާ ކަންކަމަށް ބިނާކޮށް، ސިޔާސަތުތައް އިތުރަށް ތަރައްގީކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ މުހިންމު އިސްކަމެއްދެއްވާ އެއްކަމަކީ ސިކުނޑިތައް ތަރައްގީކޮށް ވިސްނާ ގައުމުދެކެ ލޯބިވާ ރައްޔިތެއް އުފެއްދުން ކަމަށާއި، އެ ވިސްނުމާ އެއްގޮތަށް ފިކުރުކުރާ ބިނާކުރަނިވި ދަރިވަރުން އުފެއްދުމަށް ތައުލީމީ ނިޒާމުގައި ބޮޑަށް ވިސްނަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރު ރާއްޖޭގެ ސުކޫލުތަކުގައި ޖުމުލަ 11،372 ޓީޗަރުން ކިޔަވައިދިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.





