ސަރުކާރުގެ ވަޒީފާއަށް ރަށްރަށަށް ގެންނަ ބިދޭސީންނާއި ރަށުން ބޭރުން ގެންނަ މުވައްޒަފުން ތިބުމަށް ސަރުކާރުން އެކޮމަޑޭޝަން ބްލޮކްތަކެއް އަޅަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.
އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އދ. ދިގުރަށަށް ވަޑައިގެން އެ ރަށުގެ ލޯކަލް ޓޫރިޒަމާއި އެހެނިގެން ކަންކަމަށް ބަލާއިރު ބިމުގެ އަގު ނުވަތަ ކުލި ބޮޑު ކަން ފާހަކަ ކުރައްވަމުން ރައީސް ވިދާޅުވީ ސްކޫލަށް ނުވަތަ އެހެނިހެން ކަންކަމަށް ވިޔަސް ގެންނަންޖެހޭ ބޭރު މުވައްޒަފުންނާއި ޓީޗަރުން އަދި އެހެން ފަރާތްތައް ތިބޭނެ ތަންތަން ކުއްޔަށް ހިފައިގެން ސަރުކާރުގެ ބަޖެޓުން ހަރަދުކުރުމުގައި އޮންނަނީ ވަރަށް ބޮޑަށް ދަތިވެފައި ކަމަށެވެ.
“މިފަދަ ރަށްތައް އެބަހުރި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެ ފަދަ ރަށްރަށުގައި ސަރުކާރުގެ ބަޖެޓުން މި ފަށަނީ އެގޮތަށް ގެންނަ ސްކޫލް ނުވަތަ ސިއްހީ މަރުކަޒަށް ރަށުން ބޭރުން ގެންނަ ނުވަތަ ރާއްޖެއިން ބޭރުން ގެންނަ މުވައްޒަފުން ބަހައްޓާނެ އެކޮމަޑޭޝަން ބްލޮކްތައް.” ރައީސް ވިދާޅުވިއެވެ.
އެގޮތުން ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކް އެޅުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ އިމާރާތް އެޅިގެން ދިޔުމުން ރަށުން ބޭރުން ގެންނަ މުވައްޒަފުން ބެހެއްޓުމުގައި ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.





