ދިވެހި ސިފައިން ނުކުމެ ކަނޑު އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މިކަމާ ގުޅިގެން ސިފައިން ބުނީ މި ދުވަސްވަރަކީ ކަނޑުމަތީގެ ހާދިސާތައް ގިނަވެ، ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ދުވަސްވަރެއް ކަމަށެވެ. އެގޮތުން ލައިސަންސް ނެތި އުޅަނދުފަހަރު ދުއްވުމާއި ސަލާމަތީ ގަވާއިދުތަކާ ޚިލާފުވުންފަދަ ކަންކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެގޮތުން، އޮޕަރޭޝަންގައި ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ އާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކުރެވިފައިވޭތޯ ބަލާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ހަމައެހެންމެ މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ވެސް ބަލާނެ އެވެ.
އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް ޗެކްކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.
އެމްއެންޑީއެފުން ބުނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުން ދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެމްއެންޑީއެފުން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.





