ނޮވެމްބަރުން ފެށިގެން ޑެބިޓް ކާޑު ލިމިޓް 1،000 ޑޮލަރަށް

G1OtYiYbQAA5w9d.jpeg

އަންނަ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ކެނޑޭ ވަރު 1،000 ޑޮލަރަށް މަތިކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މ. މުލީ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބީއެމްއެލްގެ އަހަރީ ދުވަސް ކަމަށްވާ، ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށެވެ.

އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ތާރީހުން ފެށިގެން ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ބޭންކުގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތް ވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ކެނޑެނީ 500 ޑޮލަރެވެ.

ރައީސް ވިދާޅުވީ މި ކަންކަމުގެ ސަބަބުން ކަޅު ބާޒާރުގައި އަގުބޮޑުކޮށް ޑޮލަރު ގަނެގެން އުޅެންޖެހޭ ކަންތައްތަކުން ރައްޔިތުންނަށް އަރައިގަނެވޭނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމާއެކު އާންމު ފަރުދުންގެ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ. މި ގާނޫނާއެކު ޑޮލަރުގެ ރިޒާވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ އިތުރުވާން ފަށައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top