ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު އޭދަފުށީގައި ކުރިއަށް ދާ އޭދަފުށި ކަޕް 2025 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ހުސް ސޮނގުން ފުޓްބޯލް ޓީމު ބަލިކޮށް، ވެލާ ސްޕޯޓްސް ކްލަބުން ފައިނަލަށް ހިނގައްޖެ އެވެ.
އެންމެފަހުގެ ޗެމްޕިއަން ވެލާ ފައިނަލަށް ގޮސްފައި ވަނީ އިއްޔެ ހަވީރު އޭދަފުށީ ސްޓޭޑިއަމްގައި ކުޅުނު ސެމީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުން ޖެހި ޕެނަލްޓީގައި 3-2 ގެ ނަތީޖާއިން ވެލާ ކުރިހޯދައިގެންނެވެ.
ފޯރިގަދަ، ވަރުގަދަ ކުރިމަތިލުމެއްގެ ގޮތުގައި އިއްޔެ ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެވެ. ނަމަވެސް، ދެޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ދިޔައީއެވެ. ވެލާގެ އަލީ ޒުބައިރާއި މުހައްމަދު ފަޔާޒަށް ލިބުނު ރަނގަޅު ފުރުސަތުތައް ބޭކާރުވި އިރު، އަނެއްކޮޅުން ހުސް ސޮނގުންގެ އިބްރާހީމް އޮލަޑިމޭޖީ ޖިމޯއަށްވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައެވެ.
ދެވަނަ ހާފުގައި ބޮޑަށް ނުރައްކާ ކުރީ ހުސް ސޮނގުންނެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމާއި އަހުމަދު ނަޝާހް (ނައްޓު)ގެ އިތުރުން މުހައްމަދު އަޖުފާނަށްވެސް ފުރުސަތުތައް ލިބި، މެޗުގެ އޮއިވަރު ބަދަލުވީ 87 ވަނަ މިނެޓުގައި ވެލާއަށް ލިބުނު ކޯނަރަކުން އަހުމަދު ސުހައިލް (ބަންބުޗް) ޖެހި ލަނޑާއެކުގައެވެ.
އެ ގޯލާއެކު މެޗު ނިމެން ދަނިކޮށް، ވެލާގެ އޭރިއާ ތެރެއިން މުހައްމަދު އަޝްފާން، ހުސް ސޮނގުންގެ އަލީ އިރުފާނަށް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީ ދިނެވެ.
އެ ޕެނަލްޓީގައި އިބްރާހީމް ހުސް ސޮނގުންނަށް އެއްވަރު ކޮށްދިން އިރު، ޕެނަލްޓީގައި ވެލާގެ ކީޕަރު މިފްދާދު އަހުމަދު ވަނީ މުހިއްމު ދެ ސޭވެއް ކޮށްފައެވެ. ހުސް ސޮނގުންގެ ނައްޓު އަތުން ޕެނަލްޓީ ބޭރަށް ދިޔަ އިރު، އަނެއްކޮޅުން ބަންބުޗްގެ ޕެނަލްޓީވެސް އަމާޒުވީ ދަނޑިއަށެވެ.
ވެލާއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަހްރޯރް އުމަރުޖަނޯވާއި ޖަސުބެކް އެރްމަަމަޓޯވްގެ އިތުރުން މުހައްމަދު ޝާންއެވެ. ހުސް ސޮނގުންގެ އިބްރާހީމާއި އަހުމަދު ހުމައިދު ޕެނަލްޓީ ކާމިޔާކުރި ނަމަވެސް، މިފްދާދު ވަނީ މުހައްމަދު ރަފްހާނާއި ހާފިޒު އަހުމަދު ޖެހި ޕެނަލްޓީތައް ނަގައިދީފައެވެ.
އޭދަފުށި ކަޕް 2025 ގެ ފައިނަލުގައި މާދަމާ ހަވީރު ވެލާ ސްޕޯޓްސް ކްލަބު ވާދަކުރާނީ އިރުމަތި އެފްސީއާ ދެކޮޅަށެވެ.






