މިރޭ އޮންނަ ކިންގްސްކަޕްގެ ފައިނަލް މެޗަށް އޭދަފުށީގެ ހުރިހާ ސަޕޯޓަރުން ރަތް ކުލައިގައި ދަނޑަށް ގޮސް ދަނޑު ފުރާލަ ދިނުމަށް ފައިނަލްމެޗުގައި ވާދަކުރާ އޭދަފުށީ ކްލަބް ކޮންބިނޭޝަން (ސީސީ ) އިން އެދެފި އެވެ.
ކިންގްސް ކަޕް ފައިނަލް މެޗު ގައި މިރޭ އޭދަފުށީ ކްލަބް ކޮންބިނޭޝަން (ސީސީ ) ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާ ވާދަކުރާ މެޗު ބަލައިލަން މާލެދާން ބޭނުންވާ މީހުންނަށް، ކްލަބް ސީސީ އާއި އޭދަފުށި ކައުންސިލްު ގުޅިގެން މިހާރުވަނީ ހައިސްޕީޑް ލޯންޗު ދަތުރެއްވެސް ހަމަޖައްސައިފި އެވެ.
އެގޮތުން އޭދަފުށިން ލޯންޗު ފުރާނީ މިއަދު މެންދުރު ފަހު 3:30 ގަ އެވެ. އެނބުރި މާލޭން ފުރުމަށް ހަމަޖައްސާފައިވަނީ ރޭގަނޑު 12:00 ގަ އެވެ.
މެޗު ބަލަން މާލެ ދާން ބޭނުންވާ މީހުން 9966577 އަށް ގުޅުމަށް ކައުންސިލުން އެދެއެވެ.
މި މުބާރާތުގައި ސީސީ ވާދަކުރަނީ އޭދަފުށި ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމުގެ ގޮތުންނެވެ.
ކިންގްސް ކަޕްގައި މިފަހަރު ވާދަކުރި 8 ޓީމު ދެ ގްރޫޕަކަށް ބަހާލިއިރު އޭދަފުށި ހިމެނުނީ ގްރޫޕް އޭގައެވެ. މިގްރޫޕްގައި ހަމައެކަނި ބަލިވީ 1-4 އިން ނައިވާދޫ އާއި ބައްދަލު ކުރި މެޗުގައެވެ.
ދެވަނަ މެޗުގައި 0-5 އިން ކާށިދޫ ބަލިކޮށް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އައްޑޫ ސިޓީގެ މައިލޯ ސިޓީއާ ވާދަކޮށް 0-2 އިން މޮޅުވިއެވެ. ސެމީ ފައިނަލުގައި އޭދަފުށި ނުކުތީ މުބާރާތުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އައި ޖޯލި މޯލްޑިވްސްއާ ދެކޮޅަށެވެ. އެ މެޗުން އޭދަފުށި މޮޅުވީ 0-2 އިންނެވެ.
މިރޭގެ ފައިނަލުގައި އޭދަފުށި ބޭނުންކުރާނީ ރަތް ޖާޒީއެވެ.
މި ވާދަވެރި ފޯރިގަދަ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނި މިރޭ 9 ޖަހާއިރު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައެވެ.





