ކައުންސިލްތަކަށް ހިލޭ އެހީ ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމަވައިފި

large_172804552321VIS3.jpg
ރަށު ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާގެ ފިސްކަލް ފޯމިއުލާ މުރާޖާކޮށް ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ކައުންސިލްތަކަށް ހިލޭ އެހީ ދިނުމުގެ އުސޫލާ ގުޅޭގޮތުން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިހާރު އުސޫލު ހަދައިފައި އޮތް ގޮތުން އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބްލޮކްގްރާންޓް ލިބޭ މިންވަރު މަދު ކަމަށެވެ.

ނަމަވެސް އާބާދީ ކުޑަ، ބިން ބޮޑެތި ރަށްތައް ހުންނައިރު، އެފަދަ ރަށްރަށުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް މަދުނޫންކަމަށް ރައީސް ވިދާޅުވި އެވެ.

”އެހެން ކަމުން، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުންވާތީ ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި،“ މުއިއްޒު ވިދާޅުވި އެވެ.

ކައުންސިލްތަކަށް މިހާރު ދޫކުރާ ބްލޮކްގްރާންޓު ކުޑަވުމުގެ ޝަކުވާ ވަރަށް ގިނަ ކައުންސިލުތަކުން ކުރެއެވެ. އެއިން މުސާރައާއި އެ ނޫން މުނިސިޕަލް ހިދުމަތްތަކަށް ހޭދަކުރުމަށްފަހު ފައިދާވާ ފަދަ މަސައްކަތެއް ކުރަން ފައިސާ ނުހުންނަ ކަމަށް ގިނަ ރަށު ކައުންސިލްތަކުން ބުނެއެވެ.

އަންނަ އަހަރުގެ ބަޖެޓު ފާސް ކުރުމުގެ ކުރިން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ލިބޭ ފައިސާގެ އަދަދު ބޮޑު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top