ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭއަށް ގެއްލުން ވާނެހެން އެ ސަރަހައްދާ އެންމެ ކައިރީގައި އޮންނަ ބ. ދޮންފަނުގެ ބިން ހިއްކުމަށް އިއުލާނު ކޮށްފައިވާ މަޝްރޫއު ހުއްޓުވުމުގެ ޕެޓިޝަންގައި 3000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
ދޮންފަނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ރައީސް މުއިއްޒު ދޮންފަނަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ހަނިފަރު ބޭ ގައި ހިމެނޭ 529 ހެކްޓަރުގެ ސަރަހައްދެއް އޮންނަނީ ހިމާޔަތްކޮށްފައެވެ. އެ ސަރަހައްދުގެ ފަރުތަކަކީ އެންމަޑިތަކުން ކްލީނިން ސްޓޭޝަން ތަކެއްގެ ގޮތުގައި ބޭނުންކުރާ ތަންތަނެވެ. ހަނިފަރު ސަރަހައްދަށް ފީނަން 20 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. ނަމަވެސް، ފުޅި އަޅައިގެން އެ ތަނަށް ފީނުން މަނައެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އިން މީގެ ދެ ދުވަސް ކުރިން ހުޅުވާލި އޮންލައިން ޕެޓިޝަންގައި މިހާތަނަށް 3،304 މީހުން ސޮއިކޮށްފައިވާއިރު، ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދޮންފަނު ބިން ހިއްކުުމުގެ މަޝްރޫއުގެ ސަބަބުން ހަނިފަރު ބޭ އޭގެ އަސްލު ސިފައިގައި ދެމި އޮތުމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ތިމާވެށީގެ އިތުރުން އެ ސަރަހައްދުގެ އިގުތިސާދަށާއި ދިވެހި ސަގާފަތަށް ވެސް އަސަރުކުރާނެ ކަމަށްވެސް ވެއެވެ.
މި ޕެޓިޝަނުގައި އެދިފައިވަނީ ހަނިފަރު ބޭ ކައިރީގައި ބިން ހިއްކުމުގެ މަސައްކަތް އަލުން އެސެސް ކުރުމަށެވެ. އިގްތިސާދީ ކުރިއެރުމާއި ތިމާވެށި ހިމާޔަތްކުރުން ބެލެންސް ކުރެވޭނެ އެހެން ތަރައްގީގެ ގޮތްތައް ހޯއްދަވައި ދެއްވުމަށް ސަރުކާރަށް އިލްމާސް ކޮށްފައިވެއެވެ.
ހަނިފަރު ބޭ އަކީ ދިވެހިރާއްޖޭގެ ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާއިރު، މި ތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.





