އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް (ޑަބްލިއުޑީސީ) ދެމުންދާ ބަޖެޓް ދެގުނައަށް ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، މި އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ދެ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ ފަސް އިންސައްތަ ދެގުނަ ބޮޑުކޮށް، ދިހަ އިންސައްތަ އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފަ އެވެ.
ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ މަދުވެގެން ފަސް އިންސައްތަ އަންހެނުންގެ ކޮމިޓީތަކަށް ދޭން ޖެހެ އެވެ. އަދި ކައުންސިލްތަކަށް ހިލޭ އެހީ ލިބޭތާ ގިނަވެގެން 30 ދުވަހުގެ ތެރޭ ކޮމިޓީއާ ފައިސާ ހަވާލުކުރަން ޖެހެ އެވެ.
މި ފައިސާ އަންހެނުންގެ ކޮމިޓީތަކުން ބޭނުންކުރަން ވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކާއި ހިންގަން ޖެހޭ ޕްރޮގްރާމްތައް ހިންގުމަށް ގާނޫނުގައިވެ އެވެ. އަދި ކޮންމެ އަހަރަކު މި ފައިސާ ހަރަދު ކުރެވުނު ކަންތައްތަކާއި ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓެއް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށްވެސް ގާނޫނުގައި ބުނެފައިވެ އެވެ.
ސަރުކާރުން ވަނީ މިއަހަރުގެ ކުރީކޮޅު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވެންސް ދިނުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ވެސް ގެނެސްފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓް ދިނުމަށް ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވާތީ، އެއް ހަމައެއްގައި އެ ފައިސާ ދެވޭނެ ގޮތަށް ފިސްކަލް ފޯމިއުލާ މުރާޖައާ ކުރުމަށް ނިންމަވާފަ އެވެ. އެގޮތުން ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅާފައިވާ ގޮތުން، ބައެއް ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު މި ބަދަލުވެސް ހުށަހެޅުމަށް ވަނީ ނިންމަވާފަ އެވެ.
މިގޮތަށް ބަދަލު ގެނައުމަށް ރައީސް ނިންމެވީ، އާބާދީ ކުޑަ ނަމަވެސް ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދުނުވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.





