މި ސަރުކާރުން އުފެއްދި ސިޔާސީ މަގާމެއް ކަމަށްވާ ޕޮލިޓިކަލް ޑިރެކްޓަރުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ވެސް އައްޔަން ކުރަން ފަށައިފި އެވެ.
މީގެ ކުރިން ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަން ކޮށްފައި ވަނީ މިނިސްޓްރީ ތަކަށެވެ.
ނަމަވެސް މި މަހުގެ 28 ގައި ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕޮލިޓިކަލް ޑިރެކްޓަރަކު އައްޔަންކޮށްފަ އެވެ. އެ މަގާމަށް އައްޔަން ކޮށްފައިވަނީ ނޭކުރެންދޫ ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވި މުހައްމަދު ޒާހިރެވެ.
ޕޮލިޓިކަލް ޑިރެކްޓަރެއްގެ މުސާރައަކީ އިނާޔަތްތަކާއެކު މަހަކު 20500 ރުފިޔާ އެވެ.
ސިއްހީ މަރުކަޒުތަކުގައި މިހާރު ވެސް އިސްކޮށް، ޒިންމާދާރުވެރިޔާ ނަމުގައި ސިޔާސީ މީހުން ތިބެ އެވެ. އެ މަގާމުތަކުގައި ތިބެނީ ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވާ މީހުންނެވެ.
މި ސަރުކާރު އައީ ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުކުރާނެކަމުގެ ވައުދާ އެކީގަ އެވެ.
ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު 2،000 އަށް ވުރެ ގިނަ ކަމަށް އެންމެ ބޮޑު އިދިކޮޅު އެމްޑީޕީން ބުނެ އެވެ.






