ގްރޭޑް 11 އާއި 12 އަށް ދަރިވަރުން ވައްދާ މިންގަނޑު ލުއިކޮށްފި

DSCN1022.jpg

ގިން ކުދިންނަށް އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މަތީ ސާނަވީ އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލް އިސްލާހު ކޮށްފިއެވެ.

މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ އޭ-ލެވެލް ތައުލީމަށް ދަރިވަރުންނަށް ކުރިއަށްދެވޭނެ ތިން މަގު ހުޅުވާލާފައިވާ ކަމަށެވެ. މި ތިން މަގަކީ އެކަޑަމިކް ސްޓްރީމްތަކާއި، ސްކޫލުތަކުގައި ހިންގާ ވޮކޭޝަނަލް ކޯސްތަކާއި، މަސައްކަތުގެ މާޙައުލުގައި ތަމްރީނުވެވޭ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

އެކަޑަމިކް ސްޓްރީމްތަކަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ތެރެއިން ދިވެހި ނުވަތަ އިސްލާމް މާއްދާއިން ދަށްވެގެން ’ސީ‘ ގްރޭޑް ލިބި، ސްޓްރީމް ދެ މާއްދާއަކުން ’ސީ‘ ފާސްވާންޖެހޭނެ އެވެ. މީގެ އިތުރުން ހިސާބު ނުވަތަ އިނގިރޭސިން  ’ސީ‘ގްރޭޑް ލިބޭ ދަރިވަރުންނަށް ވެސް، ސްޓްރީމް މާއްދާތަކުން ބޭނުންވާ ނަތީޖާ ހާސިލު ކުރެވިއްޖެނަމަ މި ފުރުސަތު ލިބޭނެ އެވެ.

އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭންގެ ދަށުން ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންނަށް ވެސް، އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާއަކުން ’ސީ‘ ފާސް ވެއްޖެނަމަ އޭ-ލެވެލް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

ޕިއާސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ ކޯސްތަކާއި ޓިވެކް ކޯސްތަކަށް ވަދެވޭނީ، ލެވެލް 2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހަކުން ފާސްވެފައިވާ ދަރިވަރުންނާއި، އައިޖީސީއެސްސީ ނުވަތަ އޯ-ލެވެލް އިމްތިޙާނުން ތިން މާއްދާއަކުން ’ސީ‘ފާސް ލިބިފައިވާ ދަރިވަރުންނަށެވެ.

މަސައްކަތުގެ މާހައުލުގައި ކިޔެވޭ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް މިހާރު ކަނޑައަޅާފައިވާ ޝަރުޠުތަކަކީ ވަރަށް ލުއި ޝަރުޠުތަކެކެވެ. ލެވެލް 2 ޑިޕްލޮމާއަކުން ފާސްވުމާއެކު ނުވަތަ އޯ-ލެވެލް އިމްތިޙާނުން އެންމެ މާއްދާއަކުން ’ސީ‘ ފާސް ލިބިފައިވާނަމަ މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، އޭ-ލެވެލް ކިޔެވުމުގެ ފުރުސަތު ދިނުމުގައި ބަލާނީ އެސްއެސްސީ، އައިޖީސީއެސްއީ، އޯ-ލެވެލް އަދި ބީޓެކް އިމްތިޙާނުތަކުގެ ނަތީޖާތަކަށެވެ. މި ފުރުސަތު ލިބޭނީ މި އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު 18 އަހަރު ނުފުރޭ ދަރިވަރުންނަށް އެކަންޏެވެ.

ރާއްޖެތެރޭގެ ސްކޫލުތަކުގައި އޭ-ލެވެލް ކިޔަވައިދޭ ތަންތަނުގައި ޖާގަ ހުރިނަމަ، ޝަރުތު ފުރިހަމަ ނުވާ ދަރިވަރުންނަށް ވެސް މިނިސްޓްރީގެ ޚާއްސަ ހުއްދައާއެކު ކިޔެވުމުގެ ފުރުސަތު ދެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިއީ ސަރުކާރުން އޭ-ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top