މީޑިއާ ބިލު އަނބުރާ ގެންދިއުމަށް އެމްޖޭއޭއިން ގޮވާލައިފި

GuCWzfnWgAAaC3i-rah04yiv7u2cq4199rsrj91uc2v12bptvrliz5zc7o.jpg

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، ′މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން′ ގެ ނަމުގައި އާ ކޮމިޝަނެއް އުފެއްދުމަށް ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު އަނބުރާ ގެންދިއުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.

ހަންނާން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ވެސް ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލް އެއްކޮށްލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލު އަނބުރާ ގެންދިޔައީ ބިލާއިމެދު ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން ދަނިކޮށެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެމްބަރެއްގެ ނަމުގައި ބިލު މަޖިލީހަށް ހުށަހެޅުމަކީ މިކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮތްކަން ދޭހަވާ ކަމެއް ކަމަށެވެ. އަދި މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު އެކަށީގެންވާ ގޮތެއްގައި މީޑީއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވުމުން މި ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތް އޮތް ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް ބުނެފައިވެ އެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް އެމްޖޭއޭއިން ބުނެ އެވެ. އެގޮތުން ނޫސްތައް ބަންދުކޮށް، ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ ދެކޮޅުހަދާ ކަމެއް ކަމަށާއި އެއީ މިނިވަން ނޫސްވެރިކަން އެކީ މަރާލުން ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްޖޭއޭ އިން ބުނީ އެ ޖަމިއްޔާއިން ވަކާލާތު ކުރަނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ ނޫސްވެރިން އެމީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ ރެގިއުލޭޓް ކުރާ ގޮތަށް އޮންނަ ބާރުވެރި ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ކަމަށެވެ. އެގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ބިލު ހުށަހެޅި މެންބަރަށް ގޮވާލާފައިވެ އެވެ. އަދި މަޖިލީހަށް އެ ބިލު ބަލައިނުގަނެ ބޭރުކޮށްލުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ހަންނާނު ހުށަހެޅުއްވި “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” ގައިވާ ގޮތުން، އުފައްދަން ހުށަހަޅާފައިވާ ކޮމިޝަނުގައި 7 މެންބަރުން ހިމެނޭނެއެވެ. މީގެ ތެރެއިން 3 މެންބަރުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އައްޔަންކުރައްވާގޮތަށް ހުށަހަޅާފައިވާއިރު، އަނެއް 4 މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރު ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މި ބިލުގެ ދަށުން އައު ކޮމިޝަނަށް ލިބިދޭނެ ބާރުތަކުގެ ގޮތުގައި ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއި، ގާނޫނާ ޚިލާފުވާ މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން، މައްސަލަތައް ބަލަމުންދާ ވަގުތުތަކުގައި ވަގުތީގޮތުން މީޑިއާތަކުގެ ރަޖިސްޓްރީ ބާޠިލުކުރުމާއި، ވެބްސައިޓްތައް ބްލޮކްކުރުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top