ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން ރާއްޖޭގެ ތިން ސަރަހެއްދެއްގައި މިއަހަރު ފަށަން ނިންމާފައިވާ”އެޓޯލް ޗެމްޕިއަންޝިޕް“ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ފުޓްބޯޅައިގެ އާ އޮނިގަނޑުގައިވާ ހަތަރު ރީޖަންގެ ތެރެއިން ރާއްޖެތެރެއަށް ނިސްބަތްވާ ތިން ރީޖަނެއްގައި މި އަހަރު މުބާރާތް ކުރިއަށް ގެންދާނެ އެވެ. އެގޮތުން އެ ރީޖަންތަކުގެ ތިންވަނަ ޑިވިޝަން މުބާރާތް ކަމަށްވާ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 1 ކުރިން، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.
ރީޖަނަލް މުބާރާތްތަކުގެ ތާރީހުތައް:
* ނޯތު ރީޖަން މުބާރާތް: 1 އޮކްޓޯބަރު އިން 30 ނޮވެމްބަރަށް
* ސެންޓްރަލް ރީޖަން މުބާރާތް: 15 ނޮވެމްބަރު އިން 30 ޑިސެމްބަރަށް
* ސައުތު ރީޖަން މުބާރާތް: 1 ޑިސެމްބަރު އިން 15 ފެބްރުއަރީ އަށް
މީގެ އިތުރުން ދެން ކުޅޭނީ މާލޭ ރީޖަންގެ މުބާރާތެވެ. އެއީ ދެވަނަ ޑިވިޝަނުގެ މުބާރާތެކެވެ. އަތޮޅު ތެރޭގައި އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.
ކޮންމެ ރީޖަނަކުންވެސް ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ކުޅޭ އިރު، އެ ކޮލިފިކޭޝަނުގައި ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އަދި އަށްވަނަ ޓީމު ކުޅޭނެ އެވެ. މިހާރު އޮތް ގޮތުން އަންނަ މަހު ފަށައި، ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދާ ދެޓީމު ރެލިގޭޓް ވާނެއެވެ.
ރީޖަންތައް ބަހާފައިވާ ގޮތަށް ބަލާ އިރު، ނޯތު ރީޖަންގައި ހިމެނެނީ ހއ، ހދ، ރ، ނ، ށ، ބގެ އިތުރުން ޅ އަތޮޅުގެ ޓީމުތަކެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ، ދ އަތޮޅެވެ. އަދި ސައުތު ރީޖަންގައި ހިމެނެނީ ތ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑު އެވެ.
މިހާރު ރާވާފައިވާ ގޮތުން އަތޮޅު މުބާރާތްތަކުގެ ޗެމްޕިއަން ޓީމުތައް ކޮލިފައިވާނީ ރީޖަނަލް ލީގުތަކަށެވެ. އެއަށް ފަހު، ރީޖަނަލް ލީގުތަކުގެ ޗެމްޕިއަނުން ހިމެނޭ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނެއެވެ. އަދި އަންނަ ސީޒަންގައި ދިވެހި ޕްރިމިއާ ލީގަށް އޭގެން ޓީމުތައް ކޮލިފައިވާނެއެވެ. މާނައަކީ، އަތޮޅު މުބާރާތްތަކުން އަންނަ ޓީމުތަކަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބިގެން ދިޔުމެވެ.
އަތޮޅު މުބާރާތްތައް އަލުން ފެށުމަކީ އެފްއޭއެމްގެ އާ ރައީސް ޓޮމްގެ އެކްސްކޯއިން އެންމެ ފުރަތަމަ ނިންމި ނިންމުމެވެ.
”އެޓޯލް ޗެމްޕިއަންޝިޕް“ އަށް ޓީމުތައް ބައިވެރިވާ ނިސްބަތަށް ބަލައި، ސެންޓްރަލައިޒްކޮށް ހޯސްޓް ކުރުމަށް އެފްއޭއެމްއިން ނިންމާފައިވާ އިރު، ކޮންމެ ރީޖަނެއްގެވެސް ކޮލިފިކޭޝަން ބެހިގެން ދަނީ ދެ ޒޯނަކަށެވެ. ކޮންމެ އަތޮޅެއްގެ އަތޮޅު ޗެމްޕިއަނާއި ރަނާސް އަޕް ޒޯން މުބާރާތަށް ދާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން މުބާރާތުންނެވެ.
”އެޓޯލް ޗެމްޕިއަންޝިޕް“ ގައި ބައިވެރިވުމަށް ފުރަން ޖެހޭ ފޯމުގައި ރަށުގެ ކައުންސިލުގެ އިގުރާރެއް ހިމަނާފައިވެއެ ވެ. އެގޮތުން ބައިވެރިވާ ކްލަބެއް، ރަށެއް އަވަށެއް ތަމްސީލުކުރުމަށް ކައުންސިލުގެ އިއުތިރާޒެއް ނެތް ކަމަށް ބަޔާންކުރަން ޖެހެ އެވެ.






