ބ. ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ގޮތުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި އެއާޕޯޓަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ އާ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި މަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި ޖުލައި 12، 2023ގައި ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އާ މީގެ ކުރިން ހަވާލުކޮށް، އޮގަސްޓު 29، 2023ގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ.
މި ސަރުކާރު އައުމަށްފަހު އެ މަޝްރޫއު އޮތީ ހުއްޓިފައެވެ.
އެފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތުޅާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވައި ވިދާޅުވީ ތުޅާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު، ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އާ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސޮއިކުރީ، 2023 ވަނަ އަހަރު ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމަށް ބިން ހިއްކުމުގެ ގޮތުން ސޮއިކުރި އެއްބަސްވުން ބާތިލު ކޮށްފަ އެވެ.
މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 570,260,350.80 ރުފިޔާއަށް ، 660 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. މީގެ ކުރިން ބިން ހިއްކުމުގެ މަޝްރޫއު ސީއެމްސީއާ ހަވާލުކުރީ 42.4 މިލިއަން ޑޮލަރު (653 މިލިއަން ރުފިޔާ)އަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
މިނިސްޓްރީން ބުނި ގޮތުގައި ތުޅާދޫގައި ގާއިމުކުރާ އެއާޕޯޓަކީ 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއެކު ގާއިމުކުރާ އެއާޕޯޓެކެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއާޕޯޓު ގާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ ބިން ހިއްކައި، 2،804 މީޓަރުގެ ރޮކް ރިވެޓްމެންޓާއި 1،677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖަހާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަޝްރޫއު އަލުން ހަވާލުކުރިއިރު، ރައީސް މުއިއްޒު މިވަގުތު ގެންދަވަނީ ބ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ތުޅާދުއަށް ވެސް ވަޑައިގަންނަވާނެއެވެ.





