ވަލުޖަނަވާރުންނާއި އިންސާނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މާތް ﷲ އިންސާނާއަށް ދެއްވި ބުއްދީގެ ނިއުމަތް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ ”ބުއްދި ހިމާޔަތްކުރުން“ މި މައުޟޫއުގެ މައްޗަށްޚައްސަކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ، ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށްޓަކައި ބާވައިލެއްވުނު މައިގަނޑު މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދު ކަމަށެވެ.
ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިއަށް ގެއްލުން ވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކާތެރިކުރުން ކަމަށާއި، އިންސާނާ ބޭނުންކުރާ ކާއެއްޗަކުން، ނުވަތަ ބޯއެއްޗަކުން، ނުވަތަ ކުރާ އަމަލަކުން، ނުވަތަ ވިސްނާ ވިސްނުމަކުން ވިޔަސް ބުއްދިއަށް އެ ކަމުގެ ނުބައި އަސަރުކުރާނަމަ އެއީ އިސްލާމްދީން ނަހީކުރާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
މާތްﷲ އިންސާނާ އެހެން މަޚުލޫގާތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުންނާއި އޭނާގެ އުފެއްދެވުމާއި ސޫރަކުރެއްވުން އެހެން މަޚުލޫގުންނަށްވުރެ ފުރިހަމަވުމުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، އެކަލާނގެ އިންސާނާއަށް ބުއްދި ދެއްވައިފައި ކައުނުގައި ތަފާތު ހެކިތައް ލައްވައި، ފޮތް ބާވައިލައްވައި އެ ހުރިހައި ކަމަކާމެދު ވިސްނައި ފިކުރުކުރުމަށް އަމުރުކުރެއްވި ކަމަށް ޚުތުބާގައި ބުންޏެވެ.
ކަން އެހެން ހުރިއިރު މި ކުޑަކުޑަ މުސްލިމު މުޖުތަމައުގައި އިންސާނާގެ ހަމަބުއްދިއަށް އަސަރުކުރާފަދަ ނޭއްގާނީ އަމަލުތައް ކުރާކަމީ ހިތާމަކުރާންޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، މި ވަގުތީ ހަޔާތުގައި ތިމާއަށް ލިބޭ ވަގުތީ ހިތްހަމަޖެހުމަކާއި ފައިސާގެ ދަހިވެތިކަމުގައި މިފަދަ އެއްޗެހި ވިއްކާ މީހުންނާއި ބޭނުންކުރާ މީހުން، މާތްﷲ އެބައިމީހުންގެ އަމަލުތަކަށް ބައްލަވައިވޮޑިގެންވާކަމާ މެދު ޣާފިލުވަނީ ކީއްވެތޯ ޚުތުބާގައި ވަނީ ސުވާލު އުފެއްދާފަ އެވެ.
މީގެ އިތުރުން ، މާތްﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައި ތިމާގެ ހަވާނަފުސަށް ހެއްލި ހިތުހުރި ގޮތަކަށް އުޅޭ އިންސާނާ ވެއްޓިފައިވަނީ، ހަގީގަތުގައި ވެސް ވަލުޖަނަވާރުންނަށް ވުރެ ދަށު ދަރަޖައަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.





