ގައުމުގެ ރައީސަށް ފުރައްސާރަކޮށް ބޭއަދަބީ ގޮތެއްފޮތެއް ނެތް މީހުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅުގެ ރަށަކަށް ވަޑައިގަތުމުން އާންމުންގެ މީހަކު ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި ފުރައްސާރަކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އެ ވީޑިއޯގެ ސްކްރީން ޝޮޓެއްގެ މަންޒަރަކާ އެކު ފޭސްބުކްގައި މުއިއްޒު އަދުނާން މިއަދު ވިދާޅުވީ ފެނިވަޑައިގަތް މަންޒަރަކީ ވަރަށް ނާތަހުޒީބު، ގޮތްނެތް މަންޒަރެއް ކަމަށެވެ.
އޭނަ ވިދާޅުވ އެ ވީޑިއޯއިން ފެންނަ ފަދަ އަމަލެއް ދިވެހި ގައުމުގެ ރައީސުލްޖުމްހޫރިއްޔާއާ މުޚާޠަބުކޮށް އެ މަނިކުފާނުގެ ކުރިފުޅުމަތީ އެފަދަ ކަމެއް އެއްގޮތަކަށްވެސް ހިންގިޔަ ދީގެން ނުވާނެ ކަމަށެވެ.
”ކޮންމެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިޔަސް އެމަގާމު ރަމްޒުކޮށްދެނީ ދިވެހި ދައުލަތް. ދިވެހި ރައްޔިތެއްކަން. މުޅި ގައުމު. މިނިވަންކަމަކީ ގޮތްނެތް ކަމެއް ނޫން،“ މުއިއްޒު އަދުނާން ވިދާޅުވި އެވެ.
މުއިއްޒު އަދުނާން އިތުރަށް ވިދާޅުވީ ޑިމޮކްރަސީ އަކީ ހިތުހުރިހާ ގޮތަކަށް އުޅުއްމެއް ވެސް ނޫން ކަމާއި ރައީސްގެ ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ނުވަތަ ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިޔާ ދެބަސް ވެސް ވެވިދާނެ ކަމުގައެވެ. ނަމަވެސް ވަކި ހަމަތަކަކާ ހުދޫދެއްގެ ތެރޭގައެވެ. އަދި ކޮންމެ ކަމަކަށް ވެސް، ތަނަކާއި ވަގުތަކާއި ގޮތެއް ވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
”އެފަދަ ބޭއަދަބީ، ގޮތެއް ފޮތެއްނެތް ޢަމަލުތައް ކުރާ މީހުނާ މެދު ފިޔަވަޅެއް ނޭޅުމަކީ އޭގެ ނުރަނގަޅު އަސަރު މުޅި މުޖުތަމަޢަށް ކޮށް އިޖުތިމާޢީ ފޭރާން އިތުރަށް ވީދޭނޭ ކަމެއް. ދަންނަވާނީ މިފަދަ ކަމެއް ހިންގިޔަދީގެން ނުވާނެ ވާހަކަ.“މުއިއްޒު އަދުނާން ވިދާޅުވި އެވެ.






