ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގުގެ ފަރަގުތައް ނައްތާލައި އެއް އަގެއްގައި ހިދުމަތް ދިނުމާ ގުޅޭ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދެވެ.
ގަރާރުގައި ވަނީ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މި ނޫންވެސް ކަމަކަށް ބަލައި ތަފާތު ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނާއި އެމްޑަބްލިއުއެސްސީން ދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ އަގުތަކުގައި މާލޭ ސަރަހައްދަށް ވަކި އަގެއް އަދި ރާއްޖެތެރެއަށް ވަކި އަގުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެ އަގުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ޝަމްހީދުގެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެކަމުގެ ސަބަބުން ރަށްރަށުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފެނާއި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ހޯދުމަށް ކުރަން ޖެހޭ ހޭދަ އިންތިހާއަށް ބޮޑުވަމުންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ފެނުގެ ޚިދުމަތް ގުޅައިދޭ އަގު މާލެ ސަރަހައްދުގައި 3،187.84 ރުފިޔާގައި ހުރި ނަމަވެސް އަތޮޅުތަކުގައި އެ އަގު ހުރީ، 5،000 ރުފިޔާއަށް ކަމަށް ގަރާރުގައިވެއެވެ. ހަމައެއާއެކު ފެން މީޓަރެއް ރިލޮކޭޓްކޮށްދޭ އަގު މާލެ ސަރަހައްދުގައި 850 ރުފިޔާގައި ހުރިއިރު، އަތޮޅުތަކުގައި އެ ޚިދުމަތް ދެނީ 2،200 ރުފިޔާއަށްކަން ޤަރާރުގައި ވަނީ ފާހަގަ ކޮށްފައެވެ.
އޭގެ އިތުރުން ދުވާލެއްގެ މައްޗަށް 201 ލީޓަރަށް ވުރެ މަތިން ފެން ބޭނުންކޮށްފިނަމަ ނަގާ ފީ މާލެ ސަރަހައްދުގައި 101.26 ރުފިޔާގައި ހުރިއިރު އަތޮޅުތަކުގައި އެއަގު ހުރީ 135 ރުފިޔާއަށް ކަމަށް ގަރާރުގައިވެއެވެ. އަދި ކަރަންޓު ބޭނުންކުރާ މިންވަރު 301-500 އާ ހަމައަށް މާލެ ސަރަހައްދުން 3.65ރުފިޔާ ނަގާއިރު އަތޮޅުތަކުގައި 6 ރުފިޔާ ޗާޖް ކުރާކަމަށް ޑރ. ޝަމްހީދުގެ ގަރާރުގައި ބުނެފައިވެއެވެ.
ގަރާރުގައި ބުނީ މި ތަފާތުކުރުންތަކުގެ ސަބަބުން ރަށްރަށުގެ ކުދި ވިޔަފާރިތަކުން ކަރަންޓަށް ކުރަންޖެހޭ ހޭދަ 40 އިންސައްތަ އާއި 70 އިންސައްތަ އާއި ދެމެދުގެ އަދަދަކުން އިތުރުވާ ކަމަށާއި، ފެނުގެ ޚިދުމަތަށް މާލެ ސަރަހައްދާ އަޅާބަލާއިރު 35 އިންސައްތަ އިތުރަށް ޚަރަދު ކުރަންޖެހޭ ކަމަށެވެ.
އަދި މިއީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ތަފާތު ނުކުރުމުގެ ހައްގާ ތައާރުޒުވާ ކަމަކަށްވާތީ، މިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށް ޝަމްހީދުގެ ގަރާރުގައި އެދިވަޑައިގެންފައިވެއެވެ.






