އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ރިޕޯޓު އާންމުކުރާގޮތަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ އެލްޖީއޭއިން ތައްޔާރުކުރާ އިންކުއަރީ ރިޕޯޓުތަކުގެ ހުލާސާއެއް އާންމު ކުރާގޮތަށް މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އެގޮތަށް ހަމަޖެއްސެވީ އެލްޖީއޭގެ ޓްރާންސްޕޭރެންސީ އިތުރުކުރުމާއި، ކައުންސިލްތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރު ކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެލްޖީއޭއިން އިންކުއަރީއެއް ހަދަނީ، ކައުންސިލަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށެވެ. އެގޮތުން، މިފަހުން ތިނަދޫ ސިޓީ ކައުންސިލަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން އެލްޖީއޭއިން ހެދި އިންކުއަރީއަކަށްފަހު، އެ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑު ވެސް ކޮށްފައެވެ.
މީގެ އިތުރުން ކައުންސިލުގައި ދެން ތިބި ކައުންސިލަރުންނަށް ނަސޭހަތް ދީ، މުސާރައިގެ އިތުރުން ގާނޫނާ ހިލާފަށް ކައުންސިލަރުން ނަގާފައިވާ ފައިސާ އަނބުރާ ދިނުމަށް ވެސް އެލްޖީއޭއިން ވަނީ އަންގާފަ އެވެ.






