ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 2023 އަދި 2024ގެ ސާނަވީ ބައިން ބެސްޓް އޯލް ރައުންޑްގެ މަގާމު، އާއިޝަތު ޝަހާ ޝަމްއޫން އާއި މުހައްމަދު މަނޫން ފާއިޒު ހޯދައިފިއެވެ.
ރޭ އެމަރުކަޒުގައި އޮތް 2023 – 2024ގެ އިނާމުދިނުމުގެ ޖަލްސާ ގައި އެ ދެ ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ޚިދުމަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.
ސާނަވީ ބައިން އެއްވަނަ ހޯދި ޝަހާވަނީ ހަ މާއްދާއިން އޭ ސްޓާ، ހޯދައިގެން ގައުމީ ގަދަ ދިހަކުން ތިންވަނަ ހޯދައިފަ އެވެ. މަތީ ސާނަވީ އިން އެއްވަނަ ހޯދި މަނޫނު ވަނީ ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި ގައުމީ ގަދަ ދިހަކުން އެއް ވަނަ އަދި ރައީސްގެ ޚާއްސަ ސްކޯލާޝިޕްވެސް ހޯދައިފަ އެވެ. އޭނާ ވަނީ 2023 ވަނަ އަހަރު ސާވަނީ ބައިން އެ ސްކޫލުގެ އެންމެމޮޅު ދަރިވަރުގެ މަގާމުވެސް ހޯދައިފަ އެވެ.
އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އޭދަފުއްޓަކީ ތައުލީމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ރައްޔިތަކު ދިރިއުޅުނު ރަށެއް ކަމުގައެވެ.
”ބ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ފެށުނީންސުރެ އަބަދުވެސް ރަނގަޅު ނަތީޖާ ހޯދަމުން އަންނަ އަދި އެ ނަތީޖާ އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުން އަންނަ މަރުކަޒެއް. ހަމައެފަދައިން އޭދަފުއްޓަކީ ތައުލީމީ މަރުކަޒު ބިނާކުރެއްވުމުގެ ކުރިންވެސް ތައުލީމަށް ވަރަށް ބޮޑެތި ގުރުބާންތަކެއް ވަމުން ދިޔަ ރަށެއް.“މިނިސްޓަރު ވިދާޅުވިއެވެ.
ބ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ފެށުނީންސުރެ އަބަދުވެސް ރަނގަޅު ނަތީޖާ ހޯދަމުން އަންނަ އަދި އެ ނަތީޖާ އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުން އަންނަ މަރުކަޒެއް ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ތައުލީމީ ނަތީޖާއަށް ބަދަލުގެނެވޭނީ އަބަދު އެއްގޮތަކަށް ކަންކަންކުރުމުގެ ބަދަލުގައި އާ ގޮތްތަކުގެ ބޭނުންހިފައިގެން އެ ގޮތްތައް ތަޖުރިބާ ކޮށްގެން ކަމަށެވެ.
އަދި މިހާރު އަމަލުކުރަމުން އަންނަ ތައުލީމީ ގައުމީ މަންހަޖުގެ ތަސައްވުރަކީ ސްކޫލު ނިންމައި ނުކުންނަ ކޮންމެ ދަރިވަރަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުންކަން މިނިސްޓަރު ހަނދާން ކޮށްދެއްވިއެވެ. އެ ދަރިވަރުންނަކީ އިސްލާމީ އަގީދާ ވަރުގަދަ، އަމިއްލަ ވަންތަކަމާއި ދިވެހި ގައުމިއްޔަތު ދަމަހައްޓާ، ގާބިލު އަދި އަމިއްލަ ނަފުސަށް އިތުބާރުކުރާ ފަރުދަކަށް ހަދައިދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.







