ބީއެމްއެލް ކާޑު ޕޮލިސީއަށް ގެނައި ބަދަލުގެ ސަބަބުން ކުދި ވިޔަފާރިތަކަށް އޭގެ ފައިދާ ކުރާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ވިދާޅުވެއްޖެއެވެ.
ބީއެމްއެލް އިން އިއްޔެ ވަނީ، ޓެމޫ، ޝެއިން، އަލީބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން ޑެބިޓް ކާޑުން ވިޔަފާރި ކުރާނަމަ 30 އިންސައްތައިގެ ފީއެއް ނަގާނެކަން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަންގާފައެވެ.
ރާއްޖެއިން ލިބެން ހުންނަ އެންމެ ކުދި ކުދި ސާމާނުން ފެށިގެން އަގުބޮޑު، އަންނައުނާއި އިލެކްޓްރޯނިކް އަދި އިލެކްޓްރިކް ސާމާނާއި ގަހަނާއާއި ރީތިވާ ސާމާނާއި ގެއާއި ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނު ވެސް ގިނަ ބަޔަކު މިހާރު ގެންނަނީ ބޭރުގެ އޮންލައިން މާރކެޓް ތަކުންނެވެ. މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރި ތަކަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވޭއިރު ރާއްޖެއަށް ވަންނަ ބޭރުފައިސާގެ ތެރެއިން މަހަކު އެތައް މިލިއަން ޑޮލަރެއް ރާއްޖެއިން ބޭރުވެގެން ދާކަން ބޭންކުން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެކަމާއި ގުޅިގެން އާންމުންގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވަނިކޮށް، ފާއިޒު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލް ކާޑު ޕޮލިސީއަށް ގެނައި ބަދަލުގެ ސަބަބުން ކުދި ވިޔަފާރިތައް ރަނގަޅުވުން އެކަށީގެންވާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ޕިކްޕޯސްޓަކުން ބާލީހެއް ނަގައިގެން މީހަކު ދަނިކޮށް ފެނިވަޑައިގެންނެވި ކަމަށާއި އެހެން އެކަން ކުރާނަމަ އެއީ ޑޮލަރު އިސްރާފު ކުރުންކަމަށެވެ. ފާއިޒު ފާހަގަ ކުރައްވާފައިވަނީ ރާއްޖެއިން އަގުހެޔޮކޮށް ލިބެން ހުންނަ ތަކެތި ޑޮލަރުގެ މުއާމަލާތެއްގެ ތެރެއިން ބޭރުން އެތަކެތި ގަންނަމުންދާ މައްސައެވެ.
“ބޭނުމިއްޔާ ކޮންމެ ކަމެއްގައި ވެސް ސިޔާސީ ކުލަ ޖައްސަންވީއެވެ. އެކަމަކު ދަންނަވަން ޖެހެނީ، ބީއެމްއެލްގެ ކާޑު ޕޮލިސީއަށް ގެނައި ބަދަލުގެ ސަބަބުން ކުދި ވިޔަފާރިތައް ރަނގަޅުވުން އެކަށީގެންވާކަމެވެ.” ފޭސްބުކުގައި ފާއިޒު ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކޮންމެހެން ބޭނުންވާ ކަންކަމަށް ނޫނީ ޑޮލަރު ހޭދަ ނުކުރުމަކީ އިގުތިސާދަށް ލާބަ ކުރާނެކަމެއް ކަމަށެވެ.
ބީއެމްއެލުން ގެނައި އެ ބަދަލާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިހާރު ބެންކުން ވެސް ވަނީ އެކަން ކުރި ސަބަބު ސާފު ކޮށްދީފައެވެ. ބެންކުން ބުނީ އެގޮތަށް ނިންމީ މުޅި މުޖުތަމައުގެ ބޭނުންތައް ހަމަހަމަ އުސޫލަކުން އިންތިޒާމު ކުރުމުގެ ބޭނުމުގައި ކަމަށެވެ.





