ބ. އޭދަފުށީ ހިއްކި ބިމުން ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގޯތިތައް ތަރުތީބުކުރަން ގުރުނެގުން އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
އެކަމާ ގުޅިގެން މިއަދު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނެގުން، އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 9:00 ގައި އޭދަފުށީ ޓާފް ފުޓްބޯލް ސްޓޭޑިއަމް ގައި ކަމަށެވެ.
އެ ގަޑިއަށް ހާޒިރުވެވެން ނެތް މީހުން، ބަދަލުގައި ފޮނުވާ މީހާގެ މައުލޫމާތު އާދީއްތަ ދުވަހުގެ 1:00ގެ ކުރިން ކައުންސިލު އިދާރާއަށް އެންގުމަށް އޭދަފުށި ކައުންސިލުން އެދެއެވެ.
އޭދަފުށީ ހިއްކި ބިމުން ދޫކުރަން ނިންމާފައިވަނީ 1200 އަކަފޫޓްގެ 183 ގޯއްޗެވެ.
ބިންފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު އެވެ.
އޭދަފުށިން ގޯތި ދޫނުކުރާތާ މިހާރު 35 އަހަރަށްވުރެ ގިނަވެފައިވާއިރު އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރު އެވެ.






