މި އަހަރު ބާއްވަން ނިންމާފައިވާ 37 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 29 އާ ހަމައަށެވެ. ބައިވެރިވާން ރަޖިސްޓްރީވާނީ މި ލިންކް one.gov.mv/entities/CHQ މެދުވެރިކޮށެވެ.
މި މުބާރާތުގައި އެންމެ ފުރަތަމަ ރަޖިސްޓްރީވާންޖެހޭނީ މުއައްސަސާތަކާއި ޖަމިއްޔާތަކުންނެވެ. އަދި އެ ތަންތަން ތަމްސީލުކުރާ ބައިވެރިންގެ ރަޖިސްޓްރީކުރުމުގެ މަރުޙަލާ ކުރިއަށްދާނީ އޭގެ ފަހުން ކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ. އެހެންކަމުން، މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް މުއައްސަސާތަކާއި ޖަމިއްޔާތައް ރަޖިސްޓްރީކުރުމަށް ވަނީ ހުޅުވާލާއިފަ އެވެ. ރަޖިސްޓްރީވާންޖެހެނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ.
މި އަހަރު ވެސް މުބާރާތް ކުރިއަށް ގެންދާނީ ހަމަޖެހިފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.
ހާފިޒުންގެ ބައިގައި ބައިވެރިވެވޭނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން މުޅި ޤުރުއާން ހިތުދަސް ބައިވެރިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭ ކޮންމެ މުއައްސަސާއަކަށް ވެސް މި ބައިގައި ބޭނުން ޢަދަދަކަށް ހާފިޒުން ބައިވެރި ކުރެވިދާނެ އެވެ. އަމިއްލަ ގޮތުން ވެސް ބައިވެރިވެވޭ އިރު އެ ބަޔަށް ހާފިޒުކަމުގެ ސަނަދު ހުށަހަޅަން ޖެހެ އެވެ.
މުއައްސަސާތަކުގައި ބައިގައި މިފަހަރު ބައިވެރިވެވޭނީ ކަމާބެހޭ އިދާރާއެއްގައި އުނގަންނައި ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކިޔަވައިދޭ ތަންތަނަށެވެ. ސްކޫލް ކުދިންގެ ބައިން ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލް މަދަރުސާތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ދެމެދުގެ ދަރިވަރުންނަށެވެ.
މި މުބާރާތް ބާއްވަމުން އަންނަނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި ހިމެނޭ ގޮތަށެވެ.
މި މުބާރާތުގައި ކޮންމެ ބަޔަކުން ގަދަ ތިނެއް ހޮވާނެ އެވެ. އަދި މުޅި މުބާރާތުން ގަދަ ތިނެއް ވެސްއް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވާނެ އެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 އިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިދިޔަ އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ ޖޫން 30 އިން ޖުލައި 7 އަށެވެ. އެ މުބާރާތުގައި 119 މުއައްސަސާއަކުން ބައިވެރިވެފައިވެ އެވެ. މުބާރާތުގެ ބައިވެރިންގެ ތެރޭގައި 52 ސްކޫލަކުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރި 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިންނެވެ. އަދި މުބާރާތުގައި ހާފިޒުންގެ ބައިން 15 މީހަކު ވެސް ވާދަކުރި އެވެ.





