ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަހަރުވެސް އެ ސިޓީގެ ކޮންމެ ސްކޫލަކަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، އެ ކައުންސިލުން އެންމެ ފުރަތަމަ ސްކޫލްތަކަށް ހިލޭ އެހީ ދިނީ 2022ގައި ކަމަށެވެ. އެގޮތުން އެ އަަހަރު 50،000 ރުފިޔާ ދިނުމަށް ފަހު، މިދިޔަ އަހަރު އެ އަދަދު އެއް ލައްކައަށް އިތުރު ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކައުންސިލުން ބުނީ، މި އަހަރު ‘ސުކޫލު ގްރާންޓް’އަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ހުރި ކަންކަން ކުރުމަށް ކޮންމެ ސްކޫލަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެއީ ކުޅުދުއްފުށީގައި ހިންގަނި ތިން ސްކޫލެވެ. އެއީ ސަރުކާރުގެ ތިން ސްކޫލް ކަމަށްވާ އަފީފުއްދީން ސުކޫލާއި ޖަލާލުއްދީން ސުކޫލާއި ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، އެ ގްރާންޓް ތައާރަފުކުރުމުގެ މަގުސަދަކީ އެރަށު ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްގީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުން ކަމަށެވެ. އަދި، ސްކޫލްތަކުގެ ޕީޓީއޭއިން ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ގްރާންޓްގެ މަގުސަދެއްކަން އެ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.