އަތޮޅު ކައުންސިލްތައް އުވާލަން ގަސްތުކުރާ ކަމަށް އަނެއްކާވެސް ރައީސް ވިދާޅުވެއްޖެ

original_1747302566325.jpeg

އަތޮޅު ކައުންސިލްތަކުން ރައްޔިތުންނަށް އޭގެ މަންފާ ނުލިބޭކަން ފާހަގަ ކުރައްވައި އަތޮޅު ކައުންސިލްތައް އުވާލަން ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

މީގެ ކުރިންވެސް ރައީސްވަނީ އަތޮޅު ކައުންސިލްތައް އުވާލަން ނިންމައި އެކަމަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް މިއަހަރު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

“ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ ހަ ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ އަތޮޅު ކައުންސިލްގެ ރައީސަކު ވަކިން އިންތިހާބު ކޮށް އަތޮޅުގެ ހުރިހާ ރަށެއްގެ ރައީސުން ކައުންސިލްގައި ހިމެނޭ ގޮތަށް އޮތުމުން ނަތީޖާ ނުފެންނަ ކަމަށެވެ. އަދި އަތޮޅުގެ ކަންކަމުގައި މަސައްކަތް ކުުރުމުގެ ބަދަލުގައި ހުރިހާ މެންބަރުންގެ ފޯކަސް ހުންނަނީ ރަަަށްރަށުގެ ކަންކަމަށެވެ.

”އަތޮޅުގެ ކަމެއްގައި މަޝްވަރާ ކުރަން ބައްދަލު ކުރިއަސް އެ ރަށެއްގެ ކަމެއް އެރަށުގެ ކައުންސިލަރަށް އިސްކުރެވެނީ. މުޅި އަތޮޅުގެ ކަމެއްގައި ވާހަަކަ ދެކެވޭ ވަރު މަދު. ގިނަ ފަހަރަށް ބައްދަލުވުންތައް ބޭއްވެނީ އޮންލައިންކޮށް، އެއްތަނަކަށް ނާދެވި،“ ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާ މިހާރު ހޭދަކުރެވޭ ގޮތާމެދު ވެސް ރައީސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ތަޖުރިބާ ދަތުރުގެ ނަމުގައި، ބޮޑެތި ޚަރަދުތައް ވެސް ބައެއް ކައުންސިލްތަކުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެ އިން ބޭރުގެ ދަތުރުތައް ވެސް ބައެއް ކައުންސިލްތަކުން ކުރާ ކަމަށާއި އެކަމުން ރައްޔިތުންނަށް ވާ ފައިދާ އަކީ ކޮބައިތޯ ރައީސް ސުވާލުކުރެއްވި އެވެ.

އެހެން ކަމުން ރަށްރަށު ކައުންސިލްތައް ހަރުދަނާކޮށް އަތޮޅު ކައުންސިލްތައް އުވާލަން ހުށައަޅުއްވަން ވިސްނުންފުޅު ގެންގުޅުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top