އޭދަފުއްޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނުކަމަށާ، އެހެންނަމަވެސް މިއަދުގެ މެޗްގައި އެއްވެސް ޖެހިލުމެއް ނުވާނެކަމަށް ކުޅުދުއްފުށީ ޓީމްގެ ކޯޗް މުހައްމަދު ދާއޫދު ބުނެފިއެވެ.
ދާއޫދު މިހެންބުނީ މިނިވަން ޗެންޕިއަންޝިޕްގައި މިއަދު އޭދަފުއްޓާ ކުޅުދުއްފުށި ބައްދަލުކުރާ މެޗާބެހޭގޮތުން ޕީއެސްއެމްއާއި ވާހަކަ ދައްކަމުންނެވެ. އޭނާބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި އޭދަފުށި އޮތަސް މިއަދުގެ މެޗަށް ނުކުންނާނީ ސީދާ މޮޅަކަށް ކަމަށެވެ.
“އޭދަފުއްޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ މަޝްހޫރު ނަމެއް. ފުޓްބޯޅައިގެ ރަސްގެފާނު ގޮތަށް މަޝްހޫރުވެފައިވަނީ. އަޅުގަނޑުމެން އެއްވެސް ކަހަލަ ޖެހިލުމެއް ނެތް އޭދަފުއްޓާ ކުޅޭކަށް. ހަމަނުކުންނާނީ މޮޅަކަށް” ދާއޫދު ބުންޏެވެ.

މިދިޔަ ޒޯން މުބާރާތުގެ މެޗެއްގައި ކުޅުދުއްފުށީ ސަޕޯޓަރުން ޓީމަށް ސަޕޯޓް ދެނީ. މިއަދުގެ މެޗުގައި ސަޕޯޓަރުންގެ ހިތްވަރު ބޭނުންވާކަމަށް ކޯޗް ބުނޭ / ފޮޓޯ: ފޭސްބުކް
ދާއޫދު ބުނީ އެޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ސަޕޯޓަރުން ކަމަށާ، އިރާދަކުރެއްވިޔާ މޮޅުވާނީ ސަޕޯޓަރުންގެ ސަޕޯޓާއެކު ކަމަށެވެ.
“މިދިޔަ މުބާރާތް ކާމިޔާބު ކުރުމުގައިވެސް ސަޕޯޓަރުންގެ ދައުރު ވަރަށް ބޮޑު. މިއަދުގެ މެޗުންވެސް އިރާދަކުރެއްވިއްޔާ މޮޅުވާނީ ސަޕޯޓަރުންގެ ސަޕޯޓާއެކު”
މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް ރައުންޑް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާއިރު، ކުޅުދުއްފުށީގައި ކުރިޔަށް ދާ މުބާރާތުގައި ވާދަކުރަނީ އޭދަފުއްޓާ ކުޅުދުއްފުށީގެ އިތުރުން އއ. މާޅޮހާ، ށ. މިލަންދޫއެވެ.