ސަރުކާރުން ކައުންސިލްތަކަށް ދޫކުރާ މާލީ އެހީ ބޭނުން ކުރަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށްތޯ ބެލޭނެ ނިޒާމެއް ގެންނަން ޖެހޭ ކަމަށާއި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
”ރައްޔިތުންނާ އެކު“ ގެ ނަމުގައި ކުރިއަށް ގެންދަވާ ޕޮޑްކާސްޓްގެ ހަވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކަން ކުރައްވާނީ ފިނޭންސް މިނިސްޓްރީ ދައުރު ވެސް އޮންނަ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓަކީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ހޭދަކުރުމަށް ދޭ ފައިސާކަމަށެވެ. އަދި ފައިސާ ގާނޫނުގައިވާ ގޮތަށް ރަށްރަށުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާ މަންފާއަށް ހޭދަކުރުމަކީ ކައުންސިލްގެ އެންމެ މުހިންމު ޒިންމާ ކަމަށް ވެސް ވިދާޅުވި އެވެ.
ތަޖުރިބާ ދަތުރުގެ ނަމުގައި، ބޮޑެތި ޚަރަދުތައް ވެސް ބައެއް ކައުންސިލްތަކުން ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި ރާއްޖެއިން ބޭރުގެ ދަތުރުތައް ވެސް ބައެއް ކައުންސިލްތަކުން ކުރާ ކަމަށާއި އެކަމުން ރައްޔިތުންނަށް ވާ ފައިދާ އަކީ ކޮބައިތޯ ރައީސް ސުވާލުކުރެއްވި އެވެ.
އަދި އެފަދަ ދަތުރުތަކުގައި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ބޮޑެތި އިސްރާފުތައްވެސް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ފައިސާ ޚަރަދު ނުކޮށް ސޭވިންގައި ރައްކާކޮށްފައި ބެހެއްޓުމަކީ ވެސް ބައެއް ކައުންސިލްތަކުން ކުރަމުންދާ ކަމެއް ކަމަށެވެ. ނަމަވެސް އެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ހޭދަކުރެވޭނެ ގޮތްތަކަށް ކައުންސިލްތަކުން މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
”ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ފައިސާ މި ދޫކުރަނީ ސަރުކާރުން. އެކަމަކު ޚަރަދު ނުކޮށް އެބަ ބަހައްޓާ. ނޫނީ ފައިދާއެއް ނެތްފަދަ ތަޖުރިބާ ދަތުރުތައް އެބަކުރޭ“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭގެ ބަދަލުގައި އެ ފައިސާ މުހިންމު ކަންކަމަށް ބޭނުން ކުރަންވީ ކަމުގައެވެ.
އެހެންވެ ގާނޫނުތަކާއި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުން އެ ކަންކަން ބެލޭނެ އަދި ރައްޔިތުންނަށް ޖަވާބުދާރީ ވެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.