އެސްޓީއޯއިން ގެނެސް ވިއްކާ ތެޔޮ އެކުންފުނިން ވިއްކާ އަގުގައި ހުރިހާ އަތޮޅަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ކަންކަން ހައްލުކޮށްދިނުމުގައި، އެއީ، އުމްރާނީ ތަރައްގީގެ ގޮތުން ކަމުގައިވިޔަސް، އަދި ވަސީލަތް ގާއިމު ކުރުމުގެ ގޮތުން ވިޔަސް ވަރަށް ގިނަ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތުން އެސްޓީއޯ ރޭޓުގައި ކޮންމެ އަތޮޅެއްގައި އެސްޓީއޯގެ ތެޔޮ ލިބޭ ނިޒާމު ގާއިމުކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި އެސްޓީއޯއާ އެ ޕްރޮޖެކްޓް ހަވާލުކުރެވިގެން މިހާރު އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު ހަމަ ވަޢުދުވީ ގޮތަށް، ކޮންމެ އަތޮޅެއްގައި، އަޅުގަނޑުމެން ކަނޑައެޅި ރަށުގައި، މި އަހަރު ނިމޭއިރަށް، އެސްޓީއޯގެ ފިއުލް ސްކިޑް އިރާދަކުރެއްވިއްޔާ ގާއިމުވާނެ. ގާއިމު ވީމާ އެސްޓީއޯ ރޭޓުގައި، އިރާދަކުރެއްވިއްޔާ އެ އަތޮޅުން ތެޔޮ ލިބޭނެ އިނގޭތޯ. ދެން އެ ކޮމްޕެޓެޓިވް މާކެޓެއްވީމާ، ދެން އަގުބޮޑުކޮށް ވިއްކާ ފަރާތްތަކަށް މަޖުބޫރު ވެގެންދާނެ އަގު ކުޑަކުރަންވެސް،“ ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އައިސް ހޯދުމުގެ ކަންތަކުގައިވެސް ވަރަށްގިނަ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެގޮތުން އާރުއެސްޑަބްލިޔޫ ނިޒާމު ދޯނީގައި ގާއިމު ކުރުމަށް ވެސް ސަރުކާރުން ލޯނު ދޫކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަށްރަށުގައި، އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް މިއަދު ވިދާޅުވީ ދޯނިތަކުގައި މިހާރު ތިބި ބޭރު މީހުންގެ ބަދަލުގައި ދިވެހިން އެނބުރި އޮޑިދޯނި ފަހަރަށް އެރުމަކީ އެމަނިކުފާނު އެދިވަޑައި ގަންނަވާ ގޮތް ކަމަށެވެ.
ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯގެ ރޭޓުގައި ޑީސަލް ގަންނަން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.