މި އަހަރުގެ ފިތުރު އީދާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންނަށް 15 ދުވަހުގެ ދިގު ޗުއްޓީއެއް ލިބޭގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރާއި މި އަހަރު ވެސް ރޯދަމަހުގެ ފަހު 10 ސަރުކާރު ބަންދުކުރައްވައިފަ އެވެ.
ރައީސް އޮފީހުން މީގެ ކުރިން ބުނި ގޮތުގައި ފަހު 10 އާ ގުޅުވައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރު ބަންދުވާނެއެވެ. އެ އޮފީހުން މިއަދު ވަނީ ޢީދު ހަފުތާ ވެސް ސަރުކާރު ބަންދުކުރަން ރައީށް މުއިއްޒު ނިންމެވިކަން އިއުލާނު ކުރައްވައިފައެވެ.
އެހެންވެ، ސަރުކާރު މުވައްޒަފުންނަށް މި މަހު 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހު ހަވަނަ ދުވަހުގެ ނިޔަލަށް ބަންދުވާނެއެވެ.
މި ނިންމެވުމަކީ ފިތުރު އީދުގެ ބަންދާ ގުޅިގެން، އާއިލާއާއި އެކު ވީހާވެސް ގިނަދުވަސް ތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން، މެދު ނުކެނޑޭގޮތަށް ބަންދު ދުވަސްތަކެއް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށް ވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ.
ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރައީސް ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމު ކުރެއްވުމަށާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.