ބ. ދަރަވަންދޫގައި ރޭ ދަންވަރު، ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެނަކު އޭނާ އަމިއްލައަށް ކަރުގައި ވަޅިއަޅައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ މެންދަމުން އަލިވެ 1:52 ހާއިރެވެ.
ދެ މަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެނަކު ޒަޚަމްވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާއަށް ފަރުވާ ދިނުމަށްފަހު ބ. އޭދަފުށީ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މީޑިއާތަކުގައި ފިރިހެން މީހާގެ ކަރުގައި އަމިއްލައަށް ވަޅި އެޅިކަމަށް ވާހަކަ ދެކެވުނު ނަމަވެސް، ފުލުހުން އެކަން ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ ހަމަނުޖެހުމާ ގުޅިގެން ފިރިހެނަކަށް ބ. އޭދަފުށި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ބ.އަތޮޅު ހޮސްޕިޓަލުން “ވަގުތު”އަށް މައުލޫމާތު ދިން ގޮތުގައި ރޭ ދަންވަރު ދަރަވަންދޫ ހެލްތު ސެންޓަރުގައި އޮތް ބަލި މީހަކު އިތުރު ފަރުވާއަށް އޭދަފުށީގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލަށް ރޭ ފަތިހު ގެންދިޔައެވެ. އެ މީހާއަށް ފަރުވާ ދިނީ “ކަޓް އިންޖަރީ”އަކަށް ކަމަށް ހޮސްޕިޓަލުގެ މެނޭޖަރު ވަނީ ފާހަގަކުރައްވާފައެވެ.
“އެ މީހާގެ ކަރުގެ ކަނާތްފަރާތުގައި އިން ކަޓެއް، ދަރަވަންދޫއިން ސްޓިޗްކޮށްގެން ގެނައީ، އަތޮޅު ހޮސްޕިޓަލްވީމަ ގެންނާނެތާ. ސާޖަން ބަލަން ބޭޏުންވާތީ މިކޮޅުން އެތަން އޯޕަންކޮށްފައި އަނެއްކާ ސްޓިޗް ކުރީ.” އޭދަފުށީ ހޮސްޕިޓަލުން “ވަގުތު” އަށް މައުލޫމާތު ދިނެވެ.