މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަހަރެމެންނަށް އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ޣީބަބުނުމާއި ދޮގުވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
”ރޯދައިގެ ޙިކުމަތް“ މި މައުޟޫއަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ ، ރޯދަ ފަރުޟު ކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، الله سُبْحَانَهُ وَتَعَالَى އެންގެވިގޮތަށް، ރޯދަ ހިފައިގެން ކަމުގައްޔާއި ކީރިތި ރަސޫލާ ﷺ ސުންނަތަށް ތަބަޢަވެގެންނެވެ.
ޚުތުބާގައި ބުނީ ރޯދައިގެ ޙިކުމަތަކީ، މާތް اللهއަށް ބިރުވެތިވެ، تَقْوَىވެރިވުމެވެ. އެހެނީ ކުރާން އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފުސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއް ކަމަށެވެ. މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫޙާނީ ބާރު ގަދަވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
”ނަތީޖާއަކަށް ވަނީ، ނުބައި ކަންތައްތަކަށް އަރައިގަތުމާ ދުރުހެލިވުމެވެ. ދުލުން ހަޑިހުތުރު ބަސްތައް ބުނުމާއި، މީހުންނާ ޒުވާބުކުރުން ހުއްޓުމެވެ. ފަޤީރުންނާއި ނިކަމެތީންގެ ޙާލަތު އިޙްސާސްވުމެވެ. އަދި އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބުމެވެ. ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރިކަމެކެވެ.“ ޚުތުބާގައި ބުނެފައި ވެއެވެ.
މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭކަހަލަ لقبތަކުން ނުގޮވާށެވެ! إيمانވުމަށްފަހު فاسقވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރީންނެވެ.”
މި ކަންކަމުން ތިމާ ދުރުހެލިކޮށްނުދޭ ނަމަ، މި ހިފާ ރޯދައިގެ ބޭނުމެއް ކޮބައިތޯ ޚުތުބާގައި ސުވާލުކުރައްވާފައިވެއެވެ.