މިއަހަރުގެ ރޯދަ މަހު ވެސް ފެނަކައިން އެތަނުގެ ކަސްޓަމަރުންގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދޭން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް އެ ކޯޕަރޭޝަންގެ ކަސްޓަމަރުން ބޭނުންކުރާ ފެނާއި ކަރަންޓަށް ރޯދަ މަހުގެ ނިޔަލަށް ހަތަރު ގޮތަކަށް ޑިސްކައުންޓު ދޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު އެންމެ ހޫނުގަދަ ކަމަށް ފާހަގަވި، ފެބްރުއަރީ އާއި މާރިޗު އަދި އޭޕްރީލް މަސް އުނިކުރުމަށް ފަހު ބާކީ ނުވަ މަހުގެ ކަރަންޓާއި ފެން ބިލަށްވާ އެވަރެޖު މިންވަރަށްވުރެ ރޯދަ މަހުގެ ބިލުތަކުން އިތުރުވާ މިންވަރަށް ޑިސްކައުންޓު ދޭން އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.
ރޯދަ މަހާއި މިދިޔަ އަހަރުގެ ނުވަ މަހުގެ ބިލުގެ ފަރަގު، ބިލުގެ ދިހަ ޕަސެންޓަށް ވުރެ ކުޑަ ނަމަ، ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި ރޯދަ މަހާއި ކުރީގެ ބިލުތަކުގެ އެވަރެޖު ކުޑަ ވިޔަސް 10 ޕަސެންޓު ޑިސްކައުންޓަށް ލިބޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
އެއާއެކު، ފެނާއި ކަރަންޓުގެ ޚިދުމަތް އަލަށް ހޯދާ މީހުންނަށް ވެސް ރޯދަ މަހުގެ ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
އެހެންވެ، މި ރޯދަ މަސް ނިމިގެން ލިބޭ ފެނާއި ކަރަންޓު ބިލްތަކަށް އަރާނެ މިންވަރު ދުރާލައި އަންދާޒާ ކުރުމަށް ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށާއި ބިލުތައް ބޮޑުވެގެން ނުދާނެކަމުގެ ޔަގީންކަން ފެނަކައިން ދެއެވެ.