ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ތިނެއްގައި ރޭ ކުޅުނު މެޗުގައި ބޮޑުތަފާތަކުން ކާށިދޫ ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން ބ. އޭދަފުށިން ޒޯން ފައިނަލާއެކު ގަދަ 16 ޔަގީން ކޮށްފިއެވެ.
މި މެޗު އޭދަފުށީ ކާމިޔާބު ކުރީ 7-4ގެ ބޮޑު ތަފާތަކުންނެވެ.
އޭދަފުއްޓަށް މުހައްމަދު ފާސިރު (ފާއްޓެ) ތިން ގޯލްޖަހައި ރޭ ހެޓްރިކް ހަދައިދިން އިރު، އަނެއް ގޯލުތައް ޖެހީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި މުހައްމަދު އަޖުފާންގެ އިތުރުން އަލީ ނަސީމާއި ހުސައިން ޝަރީފެވެ.
ރޭގެ މެޗުތަކަށް ނުކުތްއިރުވެސް ފައިނަލުގެ ފުރަތަމަ ޖާގަ ކާށިދޫ އޮތީ ޔަގީން ކޮށްފައެވެ. އޭދަފުއްޓަށް އޮތީ ކާށިދޫ ބަލިކުރުމެވެ. އަދި މާފުއްޓަށް އޮތީ ކުރެންދޫ ބަލިކޮށް، ކާށިދޫން އޭދަފުށި ބަލިކުރޭތޯ ބެލުން އެކަންޏެވެ.
މާފުށިން ރޭ 11-1 އިން ކުރެންދޫ ބަލިވެސް ކުރިއެވެ. މި ބޮޑު ތަފާތުން މާފުށި މޮޅުވި ނަމަވެސް، އެޓީމަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އޭދަފުށިން ރޭ ކާށިދޫ ކައިރިން 7-4 އިން މޮޅުވި އިރު، އެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އޭދަފުށި ނިންމާލީ ތިން މެޗުން ހަތް ޕޮއިންޓާއެކު އެއްވަނައިގައެވެ.
ދެވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކު ކާށިދޫއެވެ. ޒޯން ފައިނަލުގައި ކުރިމަތިލާނީ އޭދަފުއްޓާއި ކާށިދޫއެވެ.