އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އިނާޔަތް ދޭން އިސްލާހެއް

444485455_767682295548253_1754673452973252403_n.jpg

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ މަހުގެ އިނާޔަތް ދެވޭ ގޮތަށް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ބިލެއް ހުށަހަޅައިފި އެވެ.

ޕީއެންސީ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި ބިލުގައި ވަނީ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރޯދަ މަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެމްބަރަކަށް، ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3،000ރ. ދޭން ވާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ބިލުގައި ވަނީ ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ހިލޭ އެހީގެ ދަށުން ޑަބްލިއުޑީސީ ހަރަކާތްތަކަށް ފައިސާ ދޫކުރުން ފަސޭހަ ކުރުމަށާއި އެ ކޮމިޓީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވެސް ބައެއް އިސްލާހުތައް ހުށަހަޅައިފަ އެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މިއަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އަންހެނުންނަކީ ކޮންމެ ރަށެއްގައި ވެސް ރަށުގެ ތަރައްގީ އަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރާ ފަރާތްތައް ކަމަށާއި އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރަން ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާ އެކީގައި އެއް ހައިސިއްޔަތެއް ލިބިގެން ރަށާއި މުޅި ގައުމުގެ ތަރައްގީ އަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވަނީ އެހެން ސަރުކާރުތަކާއި އަޅާ ބަލާއިރު މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި އަދި އެހެނިހެން އިސް މަގާމުތަކުގައި އެންމެ ގިނަ ވާނީ އަންހެނުން ކަމަށް ވިދާޅުވެފަ އެވެ. އަންހެނުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top