ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން 4 މުހިންމު ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ބައެއް ކައުންސިލްތަކަށް ފަޅުރަށްރަށް ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީއާއި ސިޓީސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް ވިދާޅު ވަނީ މިހަތަރު ސިޔާސަތު ހާމަކުރައްވާފަ އެވެ.
އެއީ ކައުންސިލްތަކުގެ މާލީ ގާބިލުކަން އިތުރު ކުރުމާއި، ރަށްވެހި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރުމާއި ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި ހިންގާ މުއައްސަސާތަކަކަށް ހެދުމާއި، ކައުންސިލްތަކަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ފަރާތުން ފޯރުކޮށްދިނުންކަމަށް މިނިސްޓަރުވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސިޓީސް މިނިސްޓްރީއަކީ ނަމޫނާ މަސައްކަތްތަކެއް ކުރައްވާ، އަދި ނަމޫނާ ދައްކަވާ މުވައްޒަފުންތަކެއް މަސައްކަތްކުރައްވާ ވުޒާރާއެކެވެ. އަދި ރައްޔިތުންނާއި ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރެއްވުމުގައި ވުޒާރާގެ މުވައްޒަފުންނަކީ ވަރަށް ފަރިތަ ބޭފުޅުންކަން ވެސް ފާހަގަކުރެއްވިއެވެ. މި ސަބަބުތަކާ ހުރެ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަސައްކަތްކުރުމަށް ކައުންސިލްތަކާއެކު ވަރަށް ބަދަހި ގުޅުމެއް ވުޒާރާއިން މިހާރު ވަނީ ގާއިމްކުރެވިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރީގައި ކައުންސިލްތަކަށް ނުވަތަ އޮފީސްތަކަށް ފަޅުރަށް ހަވާލުކުރުމުގެ ވަކި އުސޫލެއް ނުވަތަ ނިޒާމެއް ނެތްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު އެފަދަ ނިޒާމެއް ގާއިމްކޮށް، ކައުންސިލްތަކަށް ފަޅުރަށެއް ލިބުމަކީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުންވާ ހަރުދަނާ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.