ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އެތެރެ ކުރުމަކީ މަނާކަމެއް ކަމަށް ހެލްތު މިނިސްޓްރީން އެކަން މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް އަންގައިފި އެވެ.
މިދިޔަ މަހުގެ 24 ގައި ހެލްތު މިނިސްޓްރީން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް ފޮނުވި ސިޓީއެއްގައި ބުނަނީ މިހެންނެވެ.
“ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި 1 ވަނަ އިސްލާހާއެކު އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ދ) ގައި ބަޔާކޮށްފައިވާ ގޮތުގައި ދުންފަތާއި ދުންފަތުގެ ތަނޑިއާއި، ނިކޮޓިންއާއި، އެތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެތި އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ، ހިފައިގެން ބޮއިގެން ނުވަތަ ވަސް ދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެކެވެ.” ސިޓީގައި ބުނެފައިވެ އެވެ.
ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެނެސް ދުންފަތުން ނަގަމުން ދިޔަ ޓެކްސް ވެސް ބޮޑުކޮށްފަ އެވެ. މިއާ އެކީ ސިނގިރެޓް ފޮއްޓެއްގެ އަގު ވެސް ވަނީ 100ރ. އިން އަށް 240ރ. އަށް ބޮޑުވެފަ އެވެ.
ދިވެހި ދުންފަތާ ދުރުކޮށް ދުޅަހެޔޮ ސިއްހަޔަށް މަގުފަހި ކުރުމުގެ ގޮތުން މިދިޔަ މަހުގެ 15 އިން ފެށިގެން ވޭޕް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އެކަމާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ވެސް ކުރެވޭނެ އެވެ.